ދުނިޔޭގެ ވިޔަފާރި

ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެއްޖެ


މިދިޔަ ހަފްތާ ނިމުނުއިރު، ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް %16.1 އަށް ދަށްވެ، 3.09 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައިވާ ކަމަށް ސްޓޭޓް ބޭންކް އޮފް ޕާކިސްތާން، އެސް.ބީ.ޕީ އިން ބުނެފިއެވެ.

ބޭރު ފައިސާގެ ރިޒާވް މަދުވެފައި މިވަނީ ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފްގެ ލޯނެއް ހޯދުމަށް ޕާކިސްތާނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރިޒާވް ދަށްވުމާއި ގުޅިގެން މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޒާވް ދަށްވެފައިވަނީ ބޭރުގެ ދަރަނިތައް އަނބުރާ ދެއްކުމުން ކަމަށެވެ.

ވިޔަފާރި ބޭންކުތަކުގެ ރިޒާވް 5.65 ބިލިއަން އެމެރިކާ ޑޮލަރުގައި ހުރިއިރު، ޕާކިސްތާނުގެ ޖުމްލަ ލިކުއިޑް ރިޒާވް 8.74 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް އެސް.ބީ.ޕީން އިތުރަށް ބުނެފައިވެއެވެ.

"ޕާކިސްތާނަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ އިންފްލޯ އާއި އައި.އެމް.އެފްގެ ޕްރޮގްރާމް ވީހާވެސް އަވަހަކަށް އަލުން ފެށުން" ލޯކަލް އިންވެސްޓްމެންޓް ކުންފުނި، އާރިފް ހަބީބީ ލިމިޑެޓް، އޭ.އެޗް.އެލްގެ ރިސާރޗް ޑިޕާޓްމަންޓުގެ ވެރިޔާ ތާހިރު އައްބާސް ވިދާޅުވިއެވެ.

ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ޕާކިސްތާނުން ވަނީ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް 7 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ފައިސާ ހޯދުމަށް އައި.އެމް.އެފްއާއެކު މަޝްވަރާކޮށްފައެވެ. މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަޝްވަރާތަކަކީ ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ޤައުމުތަކަށް އެހީތެރިވުމަށް އަމާޒުކޮށްގެން ހިންގާ އައި.އެމް.އެފްގެ އެކްސްޓެންޑް ފަންޑް ފެސިލިޓީގެ 9 ވަނަ ރިވިއުއެވެ.

އައި.އެމް.އެފް އިން ވަނީ ބެއިލްއައުޓް އަލުން ފެށުމަށް ގިނަ ޝަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ފައިސާއަށް މާކެޓުން ކަނޑައަޅާފައިވާ އެކްސްޗޭންޖް ރޭޓެއް ބޭއްވުމާއި، ފިއުލް ސަބްސިޑީތަކަށް ލުއި ދިނުން ހިމެނެއެވެ. މަރުކަޒީ ބޭންކުން ދާދި ފަހުން އެކްސްޗޭންޖް ރޭޓްގެ ކެޕް އުނިކޮށް ސަރުކާރުން ވަނީ ތެލުގެ އަގު %16 އަށް ބޮޑުކޮށްފައެވެ.

ބޭރު ފައިސާގެ ރިޒާވް ދަށްވެފައިވާއިރު، ޕާކިސްތާނުގެ ފައިސާގެ އަގުވެސް މިދިޔަ ހަފްތާ ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. ބުރާސްފަތި ދުވަހު ރުޕީސްގެ އަގު ވަނީ ޑޮލަރަކަށް 271.36 ރުޕީސް އަށް އަރާފައެވެ.