ފިއުލް ސަޕްލައިޒް މޯލްޑިވްސް، އެފް.އެސް.އެމްއިން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެލުގެ ޙިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމަށް އެފްއެސްއެމްއަށް ޙަވާލުކޮށްފައިވަނި މިދިޔަ މަހުގެ 3 ވަނަ ދުވަހުގައެވެ. މި އެއްބަސްވުމުގެ ދަށުން އެފް.އެސް.އެމްއިން އަންނަނީ ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ތެޔޮ ވިއްކަމުންނެވެ. އަދި މިހާރު މިވަނީ ފެލިވަރު ކޮމްޕްލެކްސްއިންވެސް މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައެވެ.
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ތެލުގެ ޙިދުމަތް ފޯރުކޮށްދޭން ފެށުމުގެ ރަސްމިއްޔާތުގައި އެފް.އެސް.އެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޤަސަމް ވިދާޅުވީ، އެކުންފުނިން މަސްވެރިންނަށް މެދުނުކެނޑި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދައުރުވެސް ބޮޑުކަމަށެވެ. ޤަސަމް ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ މަސްދޯނިތަކަށް ތެޔޮ އެޅުމަށްޓަކައި މިހާރު ހޭދަވާ ވަގުތުކުޑަކޮށް، ވީހާވެސް އަވަހަށް އެ ޚިދުމަތް ފޯރުކޮށްދިނުންކަމަށެވެ.
"މިހާރު މަސްވެރިންނަށް ފޯރުކޮށްދޭ ތެޔޮ އެއަށް ވުރެ އަވަހަށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ. މިވަނީ މިކަމަށް ބޭނުންވާ މުވައްޒަފުންވެސް ހަމަޖައްސާފައި. ހުރިހާ މުވައްޒަފުންވެސް ތެލުގެ ޚިދުމަތް ދޭއިރު އޯގާތެރިކަމާއެކު، ކަސްޓަމަރުން ބަލައިގަންނޭ ޚިދުމަތް ދިނުމަށް އެދެން" ޤަސަމް ވިދާޅުވިއެވެ.
ފެލިވަރުގައި މަސްވެރިންނަށް އެފް.އެސް.އެމްއިން ތެލުގެ ޙިދުމަތް ފޯރުކޮށްދޭން ފެށުން.@mifcomv pic.twitter.com/e00Cy5AmI8
— FSM (@FuelSuppliesMv) February 4, 2023
މިފްކޯއިން ހާމަކުރެއްވި ގޮތުގައި މިފްކޯގެ ސައިޓް ތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމަށް އެފް.އެސް.އެމްއާއި ޙަވާލުކުރީ ދަތިކަމެއްނެތި މިފްކޯގެ ސައިޓުތަކުން މަސްވެރިންނަށް ތެޔޮ އަބަދުވެސް ލިބޭނޭކަމުގެ ޔަޤީންކަންދީ، ތެޔޮ ވިއްކުމުގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމަށެވެ. އަދި ބައެއް ޙާލަތްތަކުގައި ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަންޖެހުމުން މަސް ވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ.
މި ބަދަލާއެކު ހުރިހާ ދޯނިތަކުން އެފް.އެސް.އެމްއާއި އެކީގައި ކްރެޑިޓް އެއްބަސްވުމެއް ހަދާނެ ކަމަށާއި، އަދި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ދޯނި ފަހަރަށް އެފް.އެސް.އެމްއިން ކްރެޑިޓް ދޭނެ ކަމަށްވެސް މިފްކޯއިން މަޢުލޫމާތުދެއްވައެވެ. އަދި މިއާއެކު މަސް ބިލުން ތެލުގެ ފައިސާ ކެނޑުމުގެ ބަދަލުގައި ދޯނިފަހަރުން ކުރެޑިޓް މުއްދަތުގެ ތެރޭގައި ތެލަށް ދައްކަން ޖެހޭ ފައިސާ ސީދާ އެފް.އެސް.އެމްއަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
މިއާއެކު މިހާރެކޭ އެއްގޮތަށް މަސްވެރިންނަށް ޚާއްސަ އަގެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށްވެސް މިފްކޯއިން ހާމަކުރައްވައެވެ. މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކާ ރޭޓުގައި އެފް.އެސް.އެމްއިންވަނީ ހުޅުމާލޭ މަސްވެރިންގެ ޖެޓީންވެސް މިދިޔަ ނޮވެމްބަރު މަހު މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާފައެވެ.
މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ. މިރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދަނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.