އާންމު ދިރިއުޅުމުގެ އަގު ބޮޑުވެ، އާންމުން ޚަރަދުކުރާ މިންވަރު މަދުވުމުން އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި، އެޕަލްގެ ވިޔަފާރި މިދިޔަ އަހަރު ބޮޑުތަނުން ދަށްވެއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެގޮތުން އެޕަލްގެ ވިޔަފާރި 2021 ވަނަ އަހަރުގެ ފަހު 3 މަސް ދުވަހާއި އަޅާބަލާއިރު މިދިޔަ އަހަރުގެ ފަހު 3 މަސް ދުވަހު ވަނީ %5 ދަށްވެފައެވެ. މިއީ ލަފާކުރި ވަރަށްވުރެ ބޮޑު ދަށްވުމަކަށްވާއިރު، މިއީ 2019 ވަނަ އަހަރަށްފަހު އެޕަލްގެ ވިޔަފާރި މިހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.
އެޕަލްގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ކުންފުނިން ބުނެފައި މިވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިއަރާފައިވާ ގިނަ އެހެން ޓެކް ކުންފުނިތަކުގެ ވިޔަފާރިވެސް ދަށްވެފައިވާ ދަނޑިވަޅެއްގައެވެ.
އެޕަލްގެ ވެރިޔާ ޓިމް ކުކް ވިދާޅުވީ، އެޕަލްއިން މަސައްކަތް ކުރަމުން އަންނަނީ "ވަރަށް ގޮންޖެހުން ބޮޑު މާހައުލެއްގައި" އެވެ. ޓިމް ވިދާޅުވި ގޮތުގައި އެޕަލްގެ ވިޔަފާރި ދަށްވެފައި ވަނީ އެ ކުންފުނީގެ ފޯނުތައް އުފައްދާ ޗައިނާގައި ކޯވިޑުގެ ބަލިމަޑުކަން ފެތުރުމުގެ ސަބަބުން ސަޕްލައި އަށް ބުރޫއެރުމާއި، ދުނިޔޭގެ އިޤްތިޞާދު ހީނަރުވުމާއި، ޑޮލަރުގެ އަގު އުފުލުމުގެ އިތުރުން ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ.
އެޕަލްގެ މުޅި ދުނިޔޭގެ ވިޔަފާރިވެސް ދަށްވެފައިވާއިރު، ކުންފުނީގެ ގިނަ އުފެއްދުންތަކަށް އަސަރުކޮށްފައިވާ ކަމަށް އެޕަލް އިން ބުނެއެވެ. އެ ކުންފުނިން އުފައްދާ އެންމެ މަޤުބޫލު އުފެއްދުން ކަމުގައިވާ އައިފޯނުގެ ވިޔަފާރި %8 އަށް ވުރެ ދަށްވެފައިވާއިރު، މެކް ކޮމްޕިއުޓަރުތަކުގެ ވިޔަފާރި ވަނީ %29 އަށް ދަށްވެފައިވެއެވެ.
ވިޔަފާރި ދަށްވުމާއެކު އެޕަލްގެ ފައިދާ ވަނީ %13 އަށް ދަށްވެ 30 ބިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. އެލިވޭޝަން ޕާޓްނަރސްގެ ފައުންޑިން ޕާޓްނަރު ރޮޖާ މެކްނަމީ ބީބީސީގެ ޓުޑޭ ޕްރޮގްރާމްގައި ބުނިގޮތުގައި އެޕަލްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބުރޫއަރާފައިވާ އެޕަލްގެ ޗައިނާ ސަޕްލައިއެވެ.
ޕީޕީ ފޯސައިޓްގެ އެނަލިސްޓް ޕައޮލޯ ޕެސްކަޓޯރޭ ވިދާޅުވި ގޮތުގައި، އިލެކްޓްރޯނިކް ޑިވައިސްތައް އުފައްދާ އެހެން ގިނަ ކުންފުނިތަކެކޭ އެއްފަދައިން އެޕަލްއަށް ވެސް ކަސްޓަމަރުންނަށް އަޕްގްރޭޑް ކުރުމަށް ވިސްނައިދިނުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
މާކެޓް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ކެނަލިސް އިން ބުނި ގޮތުގައި ދުނިޔޭގެ ފެންވަރުގައި ޝިޕްކުރި ސްމާޓްފޯނުތަކުގެ އަދަދު މިދިޔަ އަހަރު ވަނީ 12% އަށް ދަށްވެފައެވެ.
އެޕަލްގެ އެގްޒެކެޓިވުން ބުނާ ގޮތުގައި އެޕަލް ޕޭ އާއި އެޕަލް ނިއުސް ހިމެނޭ ގޮތަށް އެމީހުންގެ ޚިދުމަތްދޭ ވިޔަފާރި ކުރިއަރާނެ ކަމަށް ލަފާކުރާ ކަމަށެވެ. މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2 ބިލިއަނަށްވުރެ ގިނަ އެކްޓިވް އެޕަލް ޑިވައިސްތައް ބޭނުންކުރާކަންވެސް ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެޕަލްގެ އިތުރުން އެހެން ޓެކް ކުންފުނިތަކުގެ ވިޔަފާރިވެސް ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ދަށަށްގޮސްފައެވެ. އެގޮތުން އެމެޒޯންގެ އޮންލައިން ވިޔަފާރި ވަނީ 2021 ވަނަ އަހަރުގެ ފަހު 3 މަހާއި އަޅާބަލާއިރު މިދިޔަ އަހަރުގެ ފަހު 3 މަސް ދުވަހު %2 ދަށްވެފައި ކަމަށް އެ ކުންފުނިން ބުނެއެވެ.
ގޫގުލް އާއި ޔޫޓިއުބްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ ވިޔަފާރިވެސް 2021 ވަނަ އަހަރުގެ ފަހު 3 މަސް ދުވަހާއި އަޅާބަލާއިރު، މިދިޔަ އަހަރުގެ ފަހު 3 މަސް ދުވަހު ކުރިއަރާފައި ވަނީ އެންމެ %1 ކަމަށް އަލްފަބެޓުން ބުނެއެވެ.