ދުނިޔޭގެ ވިޔަފާރި

އައިއެމްއެފް އިން ކަނޑައަޅާފައިވާ ޝަރުތުތައް ލަންކާއިން ފުރިހަމަ ކުރަނީ


އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފް އިން ދޭން ހަމަޖެހިފައިވާ 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ހޯދުމަށް އައި.އެމް.އެފް އިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ކުރަމުން އަންނަކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ ވިދާޅުވެއްޖެއެވެ.

މިއާއެކު މި ލޯނު ދޫކުރުމަށް އައި.އެމް.އެފް އިން ވަރަށް އަވަހަށް ފާސްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމާއި މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރަނިލް ވިދާޅުވީ، އައި.އެމް.އެފްގެ ތާއީދު ހޯދުމަށް ބޭނުންވާ ދަތި މަރުހަލާ ކާމިޔާބުކަމާއެކު ފުރިހަމަ ކުރަމުންދާކަމަށެވެ. އަދި އެމީހުންގެ ރުހުން ވަރަށް އަވަހަށް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

1948 ވަނަ އަހަރު މިނިވަންވި ފަހުން ކުރިމަތިވި އެންމެ ބޮޑު މާލީ ދަތިކަމުގެ ތެރޭގައި ލަންކާއަށް ވަނީ އިންފްލޭޝަން މަތިވުމާއި ކުރިމަތިލާންޖެހި، ފައިސާގެ އަގު ވެއްޓި، އިޤްތިޞާދު ރިސެޝަނަށް ވެއްޓިފައެވެ.

22 މިލިއަން މީހުން ދިރިއުޅޭ ލަންކާގައި ޓެކްސް ބޮޑުވުމާއި، ބޭހާއި ތެޔޮ ފަދަ ޒަރޫރީ ތަކެތީގެ ދަތިކަމާއި، ދުވާލުގެ ވަގުތު ކަރަންޓް ކެނޑުމުގެ މައްސަލަތައް ވެސް ވަނީ ކުރިމަތިވެފައެވެ. މި ދަތިކަމުން އަރައިގަންނަވަރުކޮށް ލަންކާގެ އިޤްތިޞާދު އަލުން ކޮޅަށްޖަހާދޭނެ ކަމަށް ރަނިލް ވަނީ ވަޢުދުވެޑައިގެންފައެވެ.

ލަންކާއިން މިހާރު އެންމެ ބޮޑަށް އިސްކަމެއްދެނީ އެޤައުމުގެ މުހިންމު ކްރެޑިޓަރުން ކަމަށްވާ ޗައިނާ އާއި ޖަޕާނުން ފައިނޭންސިން އެޝުއަރެންސް ހޯދުމަށެވެ. 3 ވަނައަށް އެންމެ ބޮޑު ކްރެޑިޓަރު، އިންޑިއާ އިން ވަނީ ލަންކާގެ ދަރަނި ރީސްޓްރަކްޗަރ ކުރަން މިދިޔަ މަހު އެހީތެރިވެދީފައެވެ.

ލަންކާގެ މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިޤްތިޞާދީ ބަދަލެއް އަންނާނެ ކަމަށާއި، މިއަހަރު ނިމޭއިރު އިންފްލޭޝަންވެސް ދަށްވާނެއެވެ.