ސްޓޫޑެންޓް ލޯނު ނަގައިގެން ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ހުރިހާ ބުރައެއް ކުރިއަށް އޮތްތަނުގައި ލުއިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ތަޢުލީމާއި މަތީ ތާއުލީމްގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޘާނަވީ ތަޢުލީމާއި މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތުވެސް ނެތްކަމަށެވެ. ނަމަވެސް މިހާރު އެފުރުޞަތުތައް ފަހިކޮށްދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމު އާރާސްތުކުރުމަށް ޒުވާނުން ބިނާކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ މީގެކުރިން ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔެވި ކުދިންގެ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރިކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގާ އުފެއްދުންތެރި ހަރުދަނާ ޒިންމާދާރު ދިވެހި ޒުވާނުންގެ ހުރި މިފަދަ ހުރިހާ ބުރައެއް ލުއިކޮށްދެއްވާނެކަމަށެވެ.
މަތީ ތަޢުލީމަށް ކިޔެވުމަށްޓަކައި ސަރުކާރުން ދޫކުރާ ލޯނު ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ވަނީ 1986 ދަރިވަރަކަށް ދޫކޮށްފައެވެ. އަދި މި ލޯނުތަކުގެ ތަކުލީފު ކުޑަކުރުމަށްޓަކާ ސްޓޫޑަންޓް ލޯނު ސަރުކާރުން ރީ-ސްޓަރަކްޗަރކޮށް ކުރިން %5 ގައިހުރި އިދާރީ ފީ %1 އަށް ވަނީ ކުޑަކޮށްފައެވެ. އަދި ލޯނު އަނބުރާ ދެއްކުން 20 އަހަރަށް ސަރުކާރުން ވަނީ އިތުރުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިގެނެވުނު ބަދަލާއެކު ކުރީގެ ބޮޑު ރޭޓްގާ ދެއްކި ފައިސާ ޖުމްލަ ލޯނު އަދަދުން އުނިކުރެވިފައިވާކަމަށެވެ. އަދި ކޮންމެ މަހަކު ދަރިވަރުން އަނބުރާ ދައްކާ ފައިސާ މިހާރު ކުޑަވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ސްޓޫޑެންޓް ލޯނުގެ އިތުރަށް ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. މިގޮތުން މިހާތަނަށް 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އަދި 6500 އަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
ރައީސް ވިދާޅުވީ 6000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާ މަސައްކަތު މާހައުލަށް ފައްކާ ކުރުމަށްޓަކައި މަޝްރޫޢޫތައް ކުރިއަށްގެންދާކަމަށެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖޫނިއަރ ކޮލެޖްތަކާއި ޓިވެޓް ސެންޓަރުތައް އެޅުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
"ރ. އަލިފުށީގެ ޓިވެޓް ސެންޓަރާ ، ހއ. ދިއްދޫ ގެ ޖޫނިއަރ ކޮލެޖްގެ ޢަމަލީ މަސައްކަތް އެދަނީ ހިނގަމުން ކ.ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާ ، ނ.ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖް މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކުރެވިފައި. ދެންއޮތީ ކުޅުދުއްފުއްޓާ ، ފުވައްމުލަކު ޓިވެޓް ސެންޓަރާއި ނ.ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް. އަޅުގަނޑު މިދިޔަ އަހަރުވެސް ދެންނެވިފަދައިން ، ޤައުމަށްޓަކާ ބިނާކުރެވޭ އެންމެ އުސްބިނާއަކީ ހެދި ހުރި ދިވެހި އިންސާނާ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަޢުލީމީ ނިޒާމް މުޅިރާއްޖޭގައި އެއްހަމަކުރުމަށްޓަކައި ފުރަތަމަ ބޭނުންވީ އެކަމަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކުރަންކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ކުރެވުނު މަސައްކަތްތަކުން ސްކޫލްތަކުގާ ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް، ޖާގައާ ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގާ 1578 ކްލާސްރޫމާ، 85 މަލްޓިޕާޕަސް ހޯލް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ތަޢުލީމީ ދާއިރާއާ ގުޅޭ އިތުރު 509 ޢުމުރާނީ މަޝްރޫޢު ހިނގަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
"ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކު. ކްލާސްރޫމް ނެތިގެން ، ފުރާޅު ހިޔާނުވެގެން ، އަތްވާ ވާރޭގާ ގަހެއްގެ ދަށުގާ އިންނަ ގޮނޑިއެއްގާ އެކުއްޖާ ބައިންދާކަށް ނޫން. ސްކޫލްތަކުގާ ކިޔަވަން ތިބި ދަރިވަރުންގެ އަދަދާ ، ލިބެންހުރި ވަސީލަތްތަކާ ދިމާނުވުމުން ކުރިމަތިވާ ދަތިތައް އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުވެސް އޮތް" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
އިމާރާތްތަކާއި ވަޞީލަތްތަކުގެ އިތުރަށް ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއް ފޯރުކޮށްދިނުމުގެ ޒިންމާ އެންމެ ބޮޑަށް އެޅިފައި އޮތީ ފެންވަރު ރަނގަޅު މުދައްރިސުންގެ ބޮލުގައެވެ.
ރައީސް ވިދާޅުވީ އެ މުދައްރިސުންނަށް ބޭނުންވެ، މިހާތަނަށް ނުވެހުރި ވަރަށް ގިނަ ބޭނުންތައް މިހާތަނަށް ފުރިހަމަކޮށްފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގާ ކުރިއަށް ގެންދަންޖެހޭ ތަޢުލީމީ ދާއިރާގެ މިފަދަ މަޝްރޫޢުތައް އެބަހުރިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.