ސްޕެނިޝް ލީގުގައި ސެވިއްޔާ ބަލިކޮށް ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ބާރސާގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިން ނެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ބާރސާއަށް ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ. ބާރސާއަށް މިމެޗްގައި ލީޑު ފުޅާކޮށްދިނީ މެޗްގެ 70 ވަނަ މިނެޓްގައި ގަވީ ޖަހާދިން ލަނޑުންނެވެ. އަދި ފަހު ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިނީ ރަފީނިއާއެވެ.
މިމެޗްގައި ބާރސާއަށް ދިމާވި ހަމައެކަނި މައްސަލައަކަށްވީ މެޗް ފެށުނުތާ ހަތަރު ވަނަ މިނެޓްގައި އެޓީމްގެ ކެޕްޓަން ސަރޖިއޯ ބުސްކެޓްސްއަށް އަނިޔާވެގެން ބާލަން ޖެހުމެވެ. މިއީ މިމަހުގެ 16 ވަނަ ދުވަހު ޔޫރޮޕާ ލީގުގެ ޕްލޭ އޮފްގައި މެންޗެސްޓަރ ޔުނައިޓެޑައި ދެކޮޅަށް ނިކުންނައިރު ކޯޗް ޒާވީ ހެނާންޑޭޒްއަށް ވިސްނާލަންޖެހިފައިވާ މައްސަލައެކެވެ.
މިކާމިޔާބީއާއެކު ބާރސާމިހާރު މިވަނީ 20 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެގެންދިޔައި ދެވަނައިގާ އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު މެޗުން ބަލިވުމެވެ. ބާރސާ އަތުން ބަލިވުމުން ސެވިއްޔާ އުޅެނީ 20 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.