ދުނިޔޭގެ ވިޔަފާރި

ސައުދީގެ ޓެކްނޮލޮޖީ ދާއިރާއަށް 9 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް


ސައުދީ އަރަބިއްޔާޣެ ޓެކްނޮލޮޖީ ދާއިރާއަށް 9 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އިންވެސްޓްމަންޓް ހޯދާފައިވާކަމަށް ސައުދީގެ ކޮމިޔުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލިޖީއާއި ބެހޭ ވަޒީރު އަބްދުﷲ އަލްސްވާހާ ވިދާޅުވެއްޖެއެވެ.

މި އިންވެސްޓްމަންޓްތަކުގެ ތެރޭގައި އެމެރިކާގެ ޓެކް ކުންފުނި މައިކްރޮސޮފްޓް އާއި އޮރެކަލް ކޯޕް ހިމެނޭ ކަމަށްވެސް އަލްސްވާހާ ވިދާޅުވިއެވެ.

ސައުދީން ބުނީ މައިކްރޯސޮފްޓުން ގްލޯބަލް ސުޕަ ސްކޭލާ ކްލައުޑަކަށް 2.1 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާނެ ކަމަށާއި އޮރެކަލްއިން ރިޔާޒުގައި އާ ކްލައުޑް ރީޖަނެއް ބިނާކުރުމަށް 1.5 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެކަމަށެވެ.

އަލްސްވާހާ ވިދާޅުވިީ މި އިންވެސްޓްމަންޓްތަކުގެ ސަބަބުން މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އެންމެ ބޮޑު ޑިޖިޓަލް މާކެޓުގެ ގޮތުގައި ސައުދީ އަރަބިއްޔާގެ މަގާމު މަތިވެގެންދާނެކަމަށެވެ.

އޮރެކަލްއާއި މައިކްރޯސޮފްޓުގެ އިތުރުން ޗައިނާގެ ވާވޭއިންވެސް ކްލައުޑް ރީޖަނަކަށް 400 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އަލްސްވާހާ ވިދާޅުވިއެވެ. އަދި ވާވޭއިން ސައޫދީގެ ތެޔޮ ކުންފުނި އަރަމްކޯއާއި ގުޅިގެން އެހެން ކްލައުޑް ރީޖަނަކަށްވެސް އިންވެސްޓް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މިހާރު މި ކުރިއަށްދަ ފޯރަމުގައި ގްލޯބަލް އަދި ލޯކަލް އެސެޓްތަކަށް އިތުރު 4.5 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށްވެސް އަލްސްވާހާ އިތުރަށް ވިދާޅުވިއެވެ.

ނަމަވެސް އިންވެސްޓްމަންޓްތައް ޤާއިމްކުރާނެ މުއްދަތުގެ ތަފްސީލެއް އަލްސްވާހާ ނުދެއްވައެވެ.

ސައުދީ ރަސްގެފާނު ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިސްކޮށް ހުންނަވައިގެން ވިޝަން 2030ގެ ނަމުގައި ހިންގާ އިގްތިސާދީ ޕްލޭނަކަށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ސައުދީން އަންނަނީ އިންވެސްޓްކުރަމުންނެވެ.

ނަމަވެސް ތެލުގެ ވިޔަފާރީގެ އިތުރުން ސައުދީގެ އިގްތިސާދު އިތުރަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާ ވިޝަން 2030 ގެ އެއް ތަނބު ކަމަށްވާ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް، އެފްޑީއައިއަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދުން ސައުދީއަށް ވަނީ ދަތިވެފައެވެ.