ޚަބަރު

ތިލަފުށިން ސިނާޢީ ބޭނުމަށް 50 ބިން ވިއްކަން ހުޅުވާލައިފި


ތިލަފުށީ ފޭސް 2އިން ސިނާޢީ ބޭނުންތަކަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބީލަމުގެ އުސޫލުން ފުރަތަމަ ވިއްކަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކެވެ.

ތިލަފުށީ ފޭސް 2އިން ސިނާޢީ ބޭނުންތަކަށް ބިން ގަތުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު 50 ބިިން ވިއްކުމަށްވަނީ ހަމަޖެހިފައެވެ.

ވިއްކުމަށް ހިމަނާފައިވާ ބިންތައް

* 2500އާއި 4999.99 ދެމެދު އަކަފޫޓުގެ 14 ބިން
* 5000 އާއި 9،999.99 ދެމެދުގެ އަކަފޫޓުގެ 20 ބިން
* 10،000 އާއި 14،999.99 ދެމެދުގެ އަކަފޫޓުގެ 7 ބިން
* 15،000 އާއި 19،999.99 ދެމެދުގެ އަކަފޫޓްގެ 7 ބިން
* 20،000 އާއި 29،999.99 ދެމެދުގެ އަކަފޫޓްގެ 1 ބިން
* 30،000 އާއި 35،000 ދެމެދުގެ އަކަފޫޓްގެ 1 ބިން

ތިލަފުށިން ސިނާޢީ ބޭނުންތަކަށް ބިން ވިއްކުމުގެ އުޞޫލްގައި ވާގޮތުން ދިވެހިން އަދި ބޭރު ފަރާތްތައް ހިމެނޭހެން އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށައަޅަން ޖެހެއެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއްނަމަ ބިން މިލްކުވާނެއެވެ.

މީގެ އިތުރަށް ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700ރުފިޔާއެވެ.

އެޗްޑީސީން ވިދާޅުވީ ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާއަކީ ޝަޢުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމެވެ. އަދި ދެވަނަ މަރުހަލާއަކީ އީއޯއައި ހުށައަޅާފައިވާ ބިމަށް ބިޑްކުރުމެވެ.

ބިޑް ސެކިއުރިޓީ

* 2500އާއި 4999.99 ދެމެދު އަކަފޫޓޫގެ ބިން: 150،000 ރުފިޔާ
* 5000 އާއި 9،999.99 ދެމެދުގެ އަކަފޫޓުގެ: 300،000 ރުފިޔާ
* 10،000 އާއި 14،999.99 ދެމެދުގެ އަކަފޫޓްގެ ބިން: 500،000 ރުފިޔާ
* 15،000 އާއި 19،999.99 ދެމެދުގެ އަކަފޫޓްގެ ބިން: 700،000 ރުފިޔާ
* 20،000 އާއި 29،999.99 ދެމެދުގެ އަކަފޫޓްގެ ބިން 1،000،000 ރުފިޔާ
* 30،000 އާއި 35،000 ދެމެދުގެ އަކަފޫޓްގެ ބިން: 1،300،000 ރުފިޔާ

އެޗްޑީސީން ވިދާޅުވީ ޝަޢުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިންގަތުމަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށްކަމަށެވެ. އެގޮތުން ޝަޢުގުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމަށް ރަޖިސްޓަރ ވާންޖެހެނީ https://bids.hdc.com.mv/presales ގައެވެ.

ބިން ލިބޭމީހުން ކަނޑައަޅާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަނޑައެޅިފައިވާ އުޞޫލްގެ ދަށުންނެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ބިން ގަތުމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ބިމުގެ ވައްތަރަކަށް ފޯމް ހުށައަޅާތާ 10 ދުވަހުގެ ތެރޭގައި އިތުރު މީހަކު އެބިމަށް ފޯމު ނުލާނަމަ އެމީހަކަށް ބިން ލިބެއެވެ. އަދި އިތުރުމީހަކު ބިން ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފިނަމަ ބިޑްކުރުމުގެ މަރުހަލާ ކުރިއަށްދާނެއެވެ. ބިޑިން މަރުހަލާއަކީ 3 ދުވަހެވެ. އެޗްޑީސީން ވިދާޅުވީ މި ހުރިހާ ކަމަކަށް ކަނޑައަޅާފައިވަނީ 6 މަސްދުވަސް ކަމަށާއި ހުރިހާ މަސައްކަތެއް ކުރިއަށްދާނީ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.

އެޗްޑީސީގެ ދަށަށް ތިލަފުށި ބަދަލުކުރުމާއެކު، އެޗްޑީސީންވަނީ ތިލަފުށި ޒަމާނީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާ ތިލަފުށީގެ މާސްޓަރ ޕްލޭން އެކުލަވާލާފައެވެ. މާސްޓަރ ޕްލޭން އެކުލަވާލާފައިވަނީ، މުޅި ތިލަފަޅު ހިއްކާ، މިހާރު ބޭނުންކުރަމުންދާ ތިލަފުށީގެ ބިން ހިމެނޭހެން ތަރައްޤީކުރުމަށެވެ. އިންޑަސްޓްރިއަލް މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް މިދިޔަ ޑިސެމްބަރު މަހު ވަނީ ޗައިނާގެ ހާބަރ ކުންފުންޏާ ހަވާލުކޮށްފައެވެ.

ތިލަފުށި މާސްޓަރ ޕްލޭންގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހިމެނެނީ، ތިލަފަޅު ހިއްކުމުގެ މަސައްކަތެވެ. މާސްޓަރ ޕްލޭންގެ ދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ.

ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ %60 ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗަރއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ޚާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށް ވެސް އަލަށް ބިން ހިއްކާ ސަރަހައްދުން ބޮޑު ބިމެއް ވަނީ ޚާއްސަކޮށްފައެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް-އޮފީސް އަދި ކުދި ވިޔަފާރި ސަރަހައްދުތައްވެސް ހިމެނެއެވެ.

ތިލަފުއްޓަކީ ރާއްޖޭގެ އެކި ސިނާޢަތްތަކުގެ ވިޔަފާރިތަކުން، ގުދަން ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތްތަކުގައި ބޭނުންކުރާ ރަށެކެވެ. މިވަގުތުވެސް ތިލަފުށީގައި 200އަށްވުރެ ގިނަ ވިޔަފާރިވެރިން އެކިއެކި މަސައްކަތްތައް ކުރަމުންއާދެއެވެ.