ޚަބަރު

ސިނާޢީ ބޭނުމަށް ތިލަފުށިން ދޫކުރާ ބިންތަކުގެ %90 ދިވެހިންނަށް


ތިލަފުށިން ސިނާޢީ މަސައްކަތްތަކަށް ދޫކުރާ ބިންތަކުގެ %90 އިންސައްތަ ޚާއްސަކޮށްފައިވާނީ ދިވެހި ވިޔަފާރިތަކަށްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަަރޭޝަން އެޗް.ޑީ.ސީއިން ވިދާޅުވެއްޖެއެވެ. ތިލަފުށިން ބީލަމުގެ އުޞޫލުން ބިން ގަތުމަށް ބޭރުގެ ވިޔަފާރިތަކަށްވެސް ހުޅުވާލިނަމަވެސް، ދިވެހި ވިޔަފާރިތަކަށް ޚާއްސަކުރެވިފައިވާ ދާއިރާތަކަށް، މި ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއްނުކުރާނެކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ.

ތިލަފުށިން 50 ބިމެއް ބީލަމުގެ އުޞޫލުން ވިއްކުމަށް އެޗް.ޑީ.ސީއިން އާއްމުކޮށް ހުޅުވާލީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މިކަމާގުޅިގެން އެޗް.ޑީ.ސީއިން އާއްމުކޮށްފައިވާ އުޞޫލުގައި ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ ބިން މިލްކުކުރެވޭނެއެވެ. ބޭރުގެ ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރެވޭނެއެވެ. މިހާ ދިގު މުއްތަކަށް ބޭރު ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރާތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާގުޅޭގޮތުން އެޗް.ޑީ.ސީއިން ނެރުނު ބަޔާނެއްގައި، ސިނާޢީ މަސައްކަތްތަކަށް ތިލަފުށިން ބީލަމުގެ އުޞޫލުން ވިއްކުމަށް ހުޅުވާލި 50 ބިމުގެ ތެރެއިން %90 ޚާއްސަކޮށްފައިވަނީ ދިވެހި ވިޔަފާރިތަކަށްކަމަށް ވަނީ ވިދާޅުވެއެވެ. އަދި އެފަރާތްތަކަށް ބިން ދިނުމަށް ކަނޑައަޅާފައިވަނީ ކުލި ކޮންޓްރޯލްކުރެވޭނެ އުޞޫލުތަކުގެ ތެރެއިންކަމަށްވެސް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ. ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫންކަމަށާއި، ބޭރުގެ ވިޔަފާރިތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ނިސްބަތުން މަދު ބިންތަކަކަށްކަން އެ ކޯރޕޭޝަނުން ފާހަގަކުރެއެވެ.

އެޗް.ޑީ.ސީއިން ވިދާޅުވީ، ބޭރުގެ ވިޔަފާރިތައްވެސް އަމަލުކުރަންޖެހޭނީ ރާއްޖޭގައި މިހާރު ހެދިފައިވާ ޤާނޫނުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިންކަމަށެވެ.

އެގޮތުން ދިވެހި ވިޔަފާރިތަކަށް ޚާއްސަ ކުރެވިފައިވާ މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް މި ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަޤީންކަން އެޗް.ޑީ.ސީއިން ދީފައިވެއެވެ. އެ ކޯރޕަރޭޝަނުން ވިދާޅުވީ، މިއީ ދިވެހިންނަށް ވަޒީފާގެ ގިނަގުނަ ފުރުޞަތުތައް ލިބިގެންދާނެ މަޝްރޫޢެއްކަމަށެވެ.

ރާއްޖޭގައި ސިނާޢީ މަސައްކަތްތަކަށް ހުރި ދަތިތައް ދެނެގަނެ ހައްލުތައް ހޯދައިދިނުމަށް ތިލަފުށީގެ މާސްޓަރޕްލޭން އެކުލަވާލާ، ތިލަފުށިން ބިން އިތުރުކޮށް ޒަމާނީ ފެންވަރެއްގައި ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރާގުޅިގެން އެޗް.ޑީ.ސީއިން އަންނަނީ ކުރަމުންނެވެ. އެގޮތުން ސިނާޢީ މަސައްކަތްތައް ކުރަން ހުރި ބިމުގެ ދަތިކަމާއި، ބިން މަދުވުމުގެ ސަބަބުން ކުލި ބޮޑުވެ، އަގު އުފުލުމަށް ހައްލު ހޯދުމަށް 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ތިލަފުއްޓަކީ ޒަމާނީ ވަޞީލާތްތަކާއެކު އިޤްތިޞާދީ ހަބެއްގެގޮތުގައި ތަރައްޤީކުރުމަށް އެޗް.ޑީ.ސީއިން ހިންގާ މަޝްރޫޢުގެ ބޭނުމަކީ ސިނާޢީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ހޯދައިދިނުމާއި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުޞަތުތައް އިތުރުކުރުންކަން އެޗް.ޑީ.ސީއިން ފާހަގަކުރައްވައެވެ. އަދި މިކަމުގެ ސަބަބުން މުދަލުގެ އަގުހެޔޮވެ، ދިވެހިންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ތިލަފުށީ ފޭސް 2 އަކުން ސިނާޢީ ބޭނުންތަކަށް ބިން ވިއްކުމަށް ހުޅުވާލާފައިވަނީ ތިލަފުށި ޒޯން އޭގައި ހިމެނޭ 50 ބިމެކެވެ. މިކަމަށް ޝަޢުގުވެރިވާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށްވެސް ބީލަމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ބީލަން ހުށައެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700 ރުފިޔާއެވެ.

ބިން ލިބޭ މީހުން ކަނޑައަޅާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަނޑައެޅިފައިވާ އުޞޫލުގެ ދަށުންނެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ބިން ގަތުމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ބިމުގެ ވައްތަރަކަށް ފޯމް ހުށައަޅާތާ 10 ދުވަހުގެ ތެރޭގައި އިތުރު މީހަކު އެބިމަށް ފޯމު ނުލާނަމަ އެމީހަކަށް ބިން ލިބެއެވެ. އަދި އިތުރުމީހަކު ބިން ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފިނަމަ ބިޑްކުރުމުގެ މަރުހަލާ ކުރިއަށްދާނެއެވެ. ބިޑިން މަރުހަލާއަކީ 3 ދުވަހެވެ. އެޗް.ޑީ.ސީން ވިދާޅުވީ، މި ހުރިހާ ކަމަކަށް ކަނޑައަޅާފައިވަނީ 6 މަސްދުވަސް ކަމަށާއި ހުރިހާ މަސައްކަތެއް ކުރިއަށްދާނީ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.