ކޮމްބަސްޝަން އިންޖީނު އަޅާފައިވާ ކާރުތަކުން ޓެކްސް ކުޑަކުރުމާއި، އިލެކްޓްރިކް ވެހިކަލް، އީވީ އަށް ދޭ ސަބްސިޑީގެ މުއްދަތު ހަމަވެ، ޑިމާންޑް ދަށްވުމުގެ ސަބަބުން ޗައިނާގެ ކާރު ވިޔަފާރި މިދިޔަ މަހު %38 އަށް ދަށްވެއްޖެއެވެ.
ޗައިނާ ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު ކާރުގެ ވިޔަފާރި ދަށްވިނަމަވެސް، އޭގެ ކުރީ މަހު ވަނީ %2.4 އިތުރުވެފައެވެ.
ބެޓެރީ އީވީ އާއި ޕްލަގް-އިން ހައިބްރިޑް ހިމެނޭ އާ ހަކަތަ ކާރުތަކުގެ ވިޔަފާރި ވެސް މިދިޔަ އަހަރު %90 ގެ ކުރިއެރުމަކަށް ފަހު، ޖެނުއަރީ މަހު ވަނީ %6.3 ށް ދަށްވެފައި ކަމަށް ޗައިނާ ޕެސެންޖަރ ކާރު އެސޯސިއޭޝަން، ސީޕީސީއޭ އިން ބުނެއެވެ.
"ޖެނުއަރީ މަހުގެ ކާރުގެ ވިޔަފާރި އަހަރެމެން އުންމީދުކުރި މިންވަރަށް ވުރެ ދަށް." ސީޕީސީއޭގެ ސެކްރެޓަރީ ޖެނެރަލް ކުއީ ޑޮންގްޝޫ ބުދަ ދުވަހު ވިދާޅުވިއެވެ.
ޗައިނާގެ އައު އަހަރު ފެށުމާއި އީވީ އަށް ސަބްސިޑީގެ މުއްދަތު ހަމަވުމަކީ ވިޔަފާރި ދަށްވުމަށް މެދުވެރިވި ސަބަބުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާގެ އައު އަހަރު އެއް ހަފްތާ ވަންދެން އެޤައުމުން ފާހަގަކޮށްފައިވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކާރު މާކެޓުކަމުގައިވާ، ޗައިނާގައި ކާރަށް އޮތް ޑިމާންޑް ދަށްވާކަމުގެ ނިޝާންތައް ފެނުނު ނަމަވެސް، ކޮމްބަޝަން އިންޖީނު އެޅި ކާރުތަކުން ނަފާ %50 ޕާރޗޭސް ޓެކްސް ކުޑަކުރުމުގެ މުއްދަތު ޗައިނާ ސަރުކާރުން ކުޑަކޮށްފައެއް ނުވެއެވެ. އަދި ޓެސްލާ ފަދަ އޮޓޯ އުފައްދާ ކުންފުނިތަކުގެ މާކެޓް ހިއްސާ ދެމެހެއްޓުމަށްޓަކައި ޑިސްކައުންޓު ދިނުމަށް ބާރުއެޅުމުގެ ގޮތުން ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އީވީ ގަތުމަށް ސަރުކާރުން ދީފައިވާ ސަބްސިޑީ ދިނުން ހުއްޓާލަން ވެސް ޗައިނާ އިން ވަނީ ނިންމާފައެވެ.
ތެޔޮ އަޅާ ކާރުތަކުގެ ބަދަލުގައި ކަރަންޓު ކާރުތަކަށް ބަދަލުކުރާ މީހުންނަށް 1470 އެމެރިކާ ޑޮލަރުގެ ބަދަލެއް ދޭން ޝަންހާއީން ވަނީ ނިންމާފައެވެ. އަދި ކަރަންޓު ކާރު ބޭނުންކުރާ ފަރާތްތަކަށް ކޮންސިއުމަންޓް ކޫޕަން ދޫކުރުމަށް ޒެންގްޒޯ، ވޫޝީ، ޝެންޔަންގް އަދި ބެއިޖިން ސިޓީތަކުން ވަނީ ނިންމާފައެވެ.
ޖެނުއަރީ މަހު ޗައިނާގައި އުފައްދާފައިވާ 66،951 އީވީ ޓެސްލާއިން ވަނީ ވިއްކާފައެވެ. އެއީ ޑިސެމްބަރު މަހާއި އަޅާބަލާއިރު %18 އިތުރު ޢަދަދެކެވެ. އަދި އެއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %10 އިތުރު އަދަދެކެވެ. މީގެ އިތުރުން ކާރު އުފައްދާ ކުންފުންޏެއްކަމަށްވާ ބީވައިޑީ ކޯ ލިމިޓެޑުން މިދިޔަ މަހު ޗައިނާގައި އުފެއްދި 150164 ކާރަށްފަހު، ޗައިނާގައި ދެން މިދިޔަ މަހު އެންމެ ގިނައިން ކާރު އުފެއްދި ކުންފުންޏަކީ އެމެރިކާގެ ކުންފުންޏެކެވެ.
ސީޕީސީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހު ޖުމްލަ 1.3 މިލިއަން ކާރު ވިއްކާފައިވާއިރު، އޭގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ ހަކަތައިގެ ކާރުތަކެވެ.