ދުނިޔޭގެ ވިޔަފާރި

މެލޭޝިއާގެ އިގްތިޞާދީ ދުވެލި މަޑުޖެހޭނެކަމަށް ލަފާކޮށްފި


ޚަރަދުކުރުން މަދުވުމުގެ ސަބަބުން މެލޭޝިއާގެ އިގްތިޞާދީ ދުވެލި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ދެބައިކުޅަ އެއްބަޔަށް ދަށްވެ، %6.6 އަށް މަޑުޖެހުނުކަމަށް ރޮއިޓާސްއިން ދިރާސާއަކުން ދައްކައިފިއެވެ.

މި މަހުގެ 2 އިން 7 އަށް އިގްތިޞާދީ މާހިރުން ކުރި ދިރާސާއިން ލަފާކޮށްފައިވާ ގޮތުގައި ދެކުނު އިރުމަތީ އޭޝިއާގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިޞާދު އޮންނަ މެލޭޝިއާގެ އިގްތިޞާދީ ދުވެލި އޮކްޓޯބަރު-ޑިސެމްބަރު ކުއާޓަރުގައި %6.6 އަށް ދާށްވެފައިވެއެވެ. އެއީ ތިން ވަނަ ކުއާޓަރާއި އަޅަބަލާއިރު %14.2 އަށް ވުރެ ދަށް އަދަދެކެވެ.

މި މަހުގެ 10 ވަނަ ދުވަހު އާންމު ކުރަން ހަމަޖެހިފައިވާ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓް، ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ 5.2 އާއި %10.5 އާއި ޕަސެންޓާ ދެމެދުގެ އަދަދަކަށެވެ. އަދި 4 ވަނަ ކުއާޓަރުގައި %8 އަށް އިގްތިޞާދީ ދުވެލި ހަލުއިވާނެ ކަމަށް ލަފާކުރި ބާކްލޭސްގެ އިގްތިޞާދީ މާހިރެއް ކަމަށްވާ ބްރައިއަން ޓަން ވިދާޅުވި ގޮތުގައި ދުވެލި މަޑުވާން ދިމާވީ ތަކެއްޗަށް އޮތް ޑިމާންޑް ދަށްވުމުންކަމަށް ބެލެވޭކަމަށެވެ.

މީގެއިތުރުން 4 ވަނަ ވަނަ ކުއާޓަރުގައި ވިޔަފާރިއަށާއި، އިގްތިޞާދީ ހަރަކާތަށް އަސަރުކޮށްފައި ވަނީ ކޯވިޑުގެ ބަލިމަޑުކަން ކޮންޓްރޯލު ކުރުމަށް ޗައިނާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި ދުނިޔޭގެ އިގްތިޞާދީ ދުވެލިވެސް މަޑުޖެހުމުގެ ސަބަބުން ކަމަށް ބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު މެލޭޝިއާގެ މަރުކަޒީ ބޭންކުން ވަނީ މީގެކުރިންވެސް އިންޓަރެސްޓު ރޭޓު ހުރި މިންވަރު ކަމަށްވާ، %2.75 ގައި އިންޓަރެސްޓު ރޭޓު ދަމަހައްޓާފައެވެ. މިއީ އިގްތިޞާދީ ކުރިއެރުމާއި މެދު އޮތް ކަންބޮޑުވުމެއްކަމަށްވެސް އިޤްތިޞާދީ މާހިރުން ލަފާކުރައްވައެވެ.

ތިން އަހަރު ދުވަސް ވަންދެން އެކުލަވާލާފައިވާ ޒީރޯ ކޯވިޑުގެ ސިޔާސަތު ޑިސެމްބަރު މަހު ޗައިނާއިން ދޫކޮށްލިއިރު، މިއީ މެލޭޝިއާގެ އިގްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

"4 ވަނަ ކުއާޓަރުގައި ޗައިނާއަށް އެކްސްޕޯޓްކުރި މިންވަރު ދަށްވުމުގެ ސަބަބުން އިގްތިޞާދީ ދުވެލި މަޑުޖެހިއްޖެ. ޗައިނާއިން ދާދި ފަހުން ޒީރޯ ކޯވިޑް ސިޔާސަތަށް ލުއި ދިނުމަކީ އުޖާލާ ކަމެއް." މޫޑީސް އެނަލިޓިކްސްގެ އިގްތިޞާދީ މާހިރު ޑެނިސް ޗެއޯކް ވިދާޅުވިއެވެ.

ބައެއް އިގްތިޞާދީ މާހިރުން ލަފާކުރައްވާ ގޮތުގައި ޗައިނާގެ ފަތުރުވެރިން މެލޭޝިޔާއަށް އެނބުރި އައުމުން މިއަހަރާއި އަންނަ އަހަރުގެ އިގްތިޞާދީ ކުރިއެރުމަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ.

2019 ވަނަ އަހަރު މެލޭޝިއާގެ ފަތުރުވެރިކަން އެ ގައުމުގެ ޖީޑީޕީގެ %16 އާއި ގާތްކުރާ އަދަދަކަށް ހިއްސާކޮށްފައިވާއިރު، މިއީ ވަޒީފާގެ ބާޒާރުގެ %25 ހިއްސާއެވެ.

ރޮއިޓާސް ނޫހުން ކުރި އެހެން ދިރާސާއަކުން މެލޭޝިއާގެ އިގްތިސާދީ ދުވެލި މިއަހަރު އެވްރެޖްކޮށް %4.0 ހަލުއިވާނެ ކަމަށާއި، އަންނަ އަހަރު %4.5 އަށް ހަލުއި ވާނެ ކަމަށްވެސް ވަނީ ލަފަކޮށްފައެވެ.