ޚަބަރު

މިއީ ޝަރުއީ ދާއިރާ ނިޒާމީ ބޮޑު ބަދަލަކަށް މިސްރާބު ޖަހާފައިވާ އަހަރެއް: އުއްތަމަ ފަނޑިޔާރު


މިއަހަރަކީ ޝަރުއީ ދާއިރާގެ ނިޒާމީ ބޮޑު ބަދަލަކަށް މިސްރާބު ޖަހާފައިވާ އަހަރެއް ކަމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުދާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤަޞައީ އަހަރު 2023 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޝަރަފްވެރި ކޮށްދެއްވި މިޖަލްސާގައި އުއްތަމަ ފަނޑިޔާރު ވަނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަންކަން އިސްލާހުކޮށް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ އިސްލާހީ ބަދަލެއްގައި ހިފަހައްޓަން ޖެހޭ އަސާސީ ހަމަތަކެއް ހުންނާނެކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިސްލާހު ގެނެސް ޤާނޫނު އަސާސީއާއި ގުޅުންހުރި ޤާނޫނުތަކަށް ބަދަލު ގެނައުމަކީ މުޅި ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"މިއަހަރަކީ ޝަރުއީ ދާއިރާގެ ނިޒާމީ ބޮޑު ބަދަލަކަށް މިސްރާބު ޖަހާފައިވާ އަހަރެއް. މިއަހަރުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލު ކުރެއްވުމަށް ޤާނޫނު އަސާސީއާއި ގުޅުންހުރި ޤާނޫނުތަކަށް ބަދަލު ގެންނެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ހާމަ ކުރައްވާފައިވަތީވެ، އެކަމަށް މަރުހަބާ ކިޔަން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފާއިތުވި އަހަރަކީ ރާއްޖޭގެ މަދަނީ އިޖުރާތުގެ ނިޒާމަށް އިންގިލަބީ ބަދަލުތަކެއް ގެނުވި އަހަރެއް ކަމަށެވެ. އަދި ކޯޓުތަކަށް މައްސަލަތައް ހުށަހެޅުމާއި މައްސަލަތައް ހިންގުމާއި އަދި މަދަނީ މައްސަލަތަކުގައި ކޯޓުތަކުން އިއްވާ ހުކުމްތައް ތަންފީޒު ކުރުމާއި ގުޅޭ އިޖުރާއަތުތަކަށް އިންގިލާބީ ބަދަލުތަކެއް ގާނޫނުން ވަނީ ގެނެސްފައިކަމަށެވެ.

އަދި ހަމަ މިއާއެކު މިއަހަރު ފެށިގެން ގޮސްފައިވަނީ 47 އަހަރުވީ ހެއްކާބެހޭ ގާނޫނު އުވި، އާ ހެއްކާއިބެހޭ ޤާނޫނަކާއެކުގައިކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނީ ނިޒާމު ތަރައްޤީވެ ކުރިއަރައިގެން ދާވަރަކަށް އެނިޒާމުގެ މަޤްސަދު ހާސިލް ކުރެވިގެންދާނީ ޤާނޫނުތައް ތަންފީޒު ކުރުމަށް ތިއްބެވި ބޭފުޅުން އެކަމަށް އަހުލުވެރިވެގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުންގެ އިލްމީ ގާބިލްކަން އިތުރު ކުރުމަށް ފާއިތުވި އަހަރުވެސް އަދި މިއަހަރުވެސް ގިނަ ޕްރޮގްރާމްތަކެއް ރޭވިފައިވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން މިއަހަރު ބާއްވާ ބައެއް ޕްރޮގުރާމްތަކުގައި ސެޝަންތައް ނަގައި ދެއްވުމަށް ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށެވެ.

އުއްތަަމަފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ޤާނޫނު އަސާސީއާއި ގާނޫނީ ވެރިކަން ނަގަހައްޓައި ކަށަވަރުކޮށްދީ ރައްޔިތުންނަށް އަވަސްކަމާއެކު އަދުލު އިންސާފު ލިބިދިނުމުގައި ދެމިތިބުމަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވަނީ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާ ކުރެއްވި 17 ފަނޑިޔާރަކަށް މެޑެއްޔާއި، ޝަރަފްގެ މުގުރު އަރުވާފައެވެ.

މެޑެއްޔާއި ޝަރަފްގެ މުގުރު އެރުވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. މީގެ އިތުރުން ޝަރުއީ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 40 މުވައްޒިފެއްގެ އަގުވަޒަން ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.