ކާނާއާއި އެކި ބުއިންތައް އުފައްދާ އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުންޏެއްކަމަށްވާ، ޕެޕްސީކޯގެ މިދިޔަ އަހަރުގެ ފަހު ކުޢާޓަރުގެ ވިޔަފާރި ލަފާކުރި މިންވަރަށްވުރެ ރަނގަޅުވެއްޖެއެެވެ.
މިދިޔަ އަހަރު އެކި ފަަހަރުމަތިން ޕެޕްސީކޯގެ ބުއިންތަކާއި ލުއި ކާނާގެ އަގު ވަނީ ބޮޑުކޮށްފައެވެ.
ޕެޕްސީކޯއިން ބުނާގޮތުން 4 ވަނަ ކުއާޓަރުގައި ކުންފުންޏަށް ލިބުނު އާމްދަނީ %10 އަށްވުރެ މަތިވެ، 28 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ ވޯލް ސްޓްރީޓުން ލަފާކުރި 26.8 ބިލިއަން ޑޮލަރަށް ވުރެ ރަނގަޅު އާމްދަނީއެކެވެ.
ކެއްކުމަށް ބޭނުންކުރާ ތެލާއި އަލުވި އަދި ހަވާދުގެ ބާވަތްތަތައް ފަދަ ތަކެތީގެ އަގު އުފުލުމުގެ ސަބަބުން މިދިޔަ އަހަރުގެ އޮކްޓޯބަރ-ޑިސެމްބަރ މުއްދަތުގައި ކުންފުނީގެ އުފެއްދުންތަކުގެ އަގު %14 އާއި %16 އާއި ދެމެދުގެ މިންވަރަކަށް ބޮޑުކުރިއެވެ. އަގު ބޮޑުކުރުމުގެ ސަބަބުން ފްރިޓޯ-ލޭ ސްނެކްސް އާއި ކުއެކަރ ޕްރޮޑަކްޓްތަކުގެ ވިޔަފާރި ދަށްވި ނަމަވެސް ކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީ އުތުރު އެމެރިކާގައި ވަނީ ރަނގަޅުވެފައެވެ.
ޕެޕްސީގެ އަގު %20 އަށް ބޮޑުކުރި ޔޫރަޕްގައި ޕެކޭޖިން މެޓީރިއަލްސް އާއި ކެއްކުމަށް ބޭނުންކުރާ ތެލާއި އެހެނިހެން ތަކެތީގެ ހަރަދު %141 އަށް ބޮޑުވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
ޕެޕްސީން ބުނާ ގޮތުގައި އަގުތައް ބޮޑުވި ނަމަވެސް ކުންފުނީގެ ކޮންސިއުމަރުން މަދެއްނުވެއެވެ. އަދި ކޮންސިއުމަރުން އަންނަނީ ޕެޕްސީގެ ސަބްސިޑިއަރީ ކުންފުނި، ފްރިޓޯ ލޭގެ މަޝްހޫރު ބްރޭންޑް ޑޮރިޓޯސް އާއި ޗީޓޯސް ފަދަ އުފެއްދުންތައް ބޭނުންކުރަމުންނެވެ. ދާދި ފަހުން އެ ކުންފުނިން އަލަށް އުފެއްދި ޕެޕްސީ ޒީރޯ ޝުގަރ ފަދަ އާ ބުއިންތަކަށްވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންކަމަށް އެ ކުންފުނިން ބުނެއެވެ.
ޕެޕްސީ ޒީރޯ ޝުގަރގެ ވިޔަފާރި 4 ވަނަ ކުއާޓަރުގައި ވަނީ %26 އަށް އިތުރުވެފައެވެ.
ޕެޕްސީގެ ވައިސް ޗެއާރމަން އަދި ޗީފް ފައިނޭންޝަލް އޮފިސަރު ހޫ ޖޯންސްޓަން އިންވެސްޓަރުންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެމެރިކާ އާއި ތަރައްގީވެފައިވާ އެހެން ގައުމުތަކުގެ އިގްތިސާދު ރިސެޝަނަކަށް ވެއްޓުމުގެ ފުރުސަތު އޮތުމުން އެކަންކަމަށް ދުރާލާ ތައްޔާރުވާންޖެހޭކަމަށެވެ.
ޕެޕްސީގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ %60 އަށް ދަށްވެ 535 މިލިއަން އެމެރިކާ ޑޮލަރުގައި ހުރިއިރު، މި ދަށްވުމުގެ މައިގަނޑު ސަބަބަކީ ޕެޕްސީގެ ސޯޑާސްޓްރީމް ބްރޭންޑާއި އެހެނިހެން އެސެޓްތަކަށް 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އިމްޕެއާމަންޓް ޗާޖެއް ނަގާފައިވުމެވެ.
4 ވަނަ ކުއާޓަރުގެ ވިޔަފާރި ރަގަޅުވެފައިވުމުގެ ސަބަބުން ޕެޕްސީގެ އުފެއްދުންތައް އިތުރަށް އަގު ބޮޑު ނުކުރާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.