ޚަބަރު

ސޫރިޔާއާއި ތުރުކީއަށް 1 މިލިޔަން މަސްދަޅު ހަދިޔާކުރުމަށް ރައީސް ނިންމަވައިފި


ތުރުކީވިލާތާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ސަރުކާރުން އެއް މިލިޔަން މަސްދަޅު އެދެޤައުމުގެ ރައްޔިތުންނަށް ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

ތުރުކީވިލާތުގެ ދެކުނުގައިވާ ގަޒިއެންޓެޕް ސަރަޙައްދަށް ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމުގެ އަސަރު ސޫރިޔާގެ އިރުމައްޗަށް ވެސް ކުރިއެވެ. ވެއްޓުނު ޢިމާރާތްތަކުގެ ޢަދަދު 60,000 އަށްވުރެ އިތުރެވެ. ޖަނަވަރީ 6 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައި ބިންހެލުން އައިސްފައި ވަނީ އެންމެން އަރާމު ނިދީގައި ތިއްބައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބައެއް ރަށްތައް މުޅިންހެން ވަނީ ސުންނާފަތިވެފައެވެ.

މިހިތާމަވެރި ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ސަތޭކަ އާއިލާއެއް ވަނީ ހާލުގައި ޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ތުރުކީއާއި، ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމައިގައި ބައިވެރިވެ، ދެ ޤައުމުގެ ވެރިންނަށް ގުޅައި ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވާފައިވާކަމަށެވެ.

އަދި ދެޤައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. މަސްދަޅުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ސޫރިއާއަށް 5 ލައްކަ އަދި ތުރުކީއަށް 5 ލައްކަ މަސްދަޅު ކޭހެވެ.

ޖަނަވަރީ 6 ވަނަ ދުވަހު ރިކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމުގެ ގަޑިއިރުތަކެއް ފަހުން، 7.5ގެ ބާރުމިނުގައި އިތުރު ބިންހެލުމެއް ވެސް އައެވެ. ތުރުކީވިލާތުން ބުނީ އެ ޤައުމުގައި މަރުވެފައިވާ މީހުންގެ ޢަދަދު 19,000 އަށްވުރެ ގިނަ ކަމަށެވެ. އަދި، ސޫރިޔާގައި މަރުވި މީހުންގެ ޢަދަދު ވަނީ 4،000 އަށްވުރެ އިތުރުވެފައެވެ. މިއީ، 1999 ވަނަ އަހަރު ތުރުކީވިލާތަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދަށްވުރެ އިތުރު ޢަދަދެކެވެ.