ޚަބަރު

ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރަކަށް ނިހާން ހަމަޖައްސައިފި


ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ހަމަޖައްސައިފިއެވެ.

ނިހާން އެޑްވައިޒަރަކަށް ހަމަޖެއްސުމަށްފަހު ލިޔުން ހަވާލު ކޮށްދެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ. ނިހާން އަކީ ނިމިދޔަ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމުވެސް ފުރުއްވި ބޭފުޅާއެވެ. ޕީޕީއެމުން ވަކިވުމަށްފަހު ނިހާން ޖުމްހޫރީ ޕާޓީއާ ގުޅުނީ ރައީސް ޔާމީންގެ ވެރިކަން ނިމި 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ ލީޑަރުގެ އެޑްވައިޒަރުންނަށް އެޕާޓީގެ ކައުންސިލްގައި ތަމްސީލް ކުރެވޭނެއެވެ. ނިހާން އެޑްވައިޒަރަކަށް ހަމަޖެއްސިއިރު، ޖުމްހޫރީ ޕާޓީ އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބާއްވާ އެޕާޓީގެ ޤައުމީ ޖަލްސާ މިމަހު 23 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމީ ޖަލްސާ ބޭއްވުމަށް ކައުންސިލުން ފާސްކޮށްފައިވަނީ މިމަހުގެ 23 އިން 26 އަށް މާލޭގައެވެ. ގައުމީ ޖަލްސާގެ ރަސްމީބައި މިމަހުގެ 24 އިން 25 އަށް ދަރުބާރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީގެ ތަރުޖަމާން އަލީ ޞާލިހު ވަނީ ވިދާޅުވެފައެވެ. އަދި ގައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާމެދުވެސް ގޮތްތަކެއް ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. މިހާތަނަށް ލިބިފައިވާ އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ލީޑަރުގެ މަޤާމު ޕާޓީގެ ރައީސްކަމަށް ބަދަލު ކުރަން ހުށަހަޅާފައިވާ ކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ. މިނޫންވެސް އެޕާޓީގެ ހިންގުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ޞާލިހު ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއިމެދު ގޮތެއް ނިންމާނީ ގައުމީ ޖަލްސާއިން އެކުލަވާލެވޭ އާ ކައުންސިލުންކަމަށެވެ. ކައުންސިލުން ނިންމާގޮތެއްގެ މަތީން އިންތިޚާބުގައި ކުރިއަށްދާނެ ގޮތަކާއިމެދު ގޮތެއް ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.