ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި 4 ވަނަ ކުއާޓަރުގައި މަޑުޖެހިއްޖެ


އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރުގެ ފަހު 3 މަސްދުވަހު މަޑުޖެހިފައިވާ ކަމަށް އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކް އިން ބުނެފިއެވެ.

ދުވެލި މަޑުޖެހިފައިވީ ނަމަވެސް ރިސެޝަނަކަށް ނުދާނެ ކަމަށް އެ އޮފީހުން ބުނެއެވެ. ސްޓެޓިސްޓިކް އޮފީހުން ހާމަކޮށްފައިވާގޮތުން އިންފްލޭޝަންގެ ސަބަބުން މިއަހަރު އިތުރު އިގްތިސާދީ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެއެވެ.

ރެއިލް އަދި ޕޯސްޓަލް ޚިދުމަތްތަކުގެ މައްސަލަތަކާއި ގުޅިގެން ކުރި މުޒާހަރާތަކުގެ ސަބަބުން ޑިސެމްބަރު މަހުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ވަނީ %0.5އަށް ދަށްވެފައި ކަމަށް އެއޮފީހުން ބުނެއެވެ. ކުރިއަރާފައިވާ އެހެން ގައުމުތަކާއި ޚިލާފަށް އިނގިރޭސިވިލާތުގެ 4 ވަނަ ކުއާޓަރުގައި އުފެއްދުންތެރިކަން އަދިވެސް ހުރީ ޕްރީ ޕެންޑެމިކް ލެވެލްއަށްވުރެ %0.8 ދަށުގައެވެ.

އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގިނަ ވިޔަފާރިތަކެއް ބަންދުކުރުމުގެ ސަބަބުންވެސް އުފެއްދުންތެރިކަންވަނީ %0.2 އަށް ދަށްވެފައެވެ.

ބޭންކް އޮފް އިންގްލޭންޑުން މިދިޔަ ހަފްތާގައި ލަފާކޮށްފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ފަސް ކުއާޓަރަށް ދެމިގެންދާ ކުޑަ ރިސެޝަނަކަށް އިނގިރޭސިވިލާތް ވެއްޓިދާނެއެވެ.

ވޭތުވެދިޔަ 41 އަހަރުވެސް ނުދާހާ މައްޗަށް އިނގިރޭސިވިލާތުގެ އިންފްލޭޝަން މިދިޔަ އޮކްޓޫބަރު މަހު މައްޗަށް ދިއުމުގެ ސަބަބުން އެ ގައުމުގެ ދިރިއުޅުމުގެ އަގުތައް ވަނީ ބޮޑުތަނުން އުފުލިފައެވެ. އޮކްޓޫބަރު މަހު އިނގިރޭސިވިލާތުގެ އިންފްލޭޝަން ވަނީ %11.1އަށް މަތިވެފައެވެ.

އައިއެންޖީގެ އިގްތިސާދީ މާހިރު ޖޭމްސް ސްމިތު ވިދާޅުވި ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި %0.3 އާއި 0.4% އާއި ދެމެދުގެ މިންވަރަކަށް ދަށްވާނެއެވެ. އަދި 2 ވަނަ ކުއާޓަރުގައިވެސް ކުޑަ މިންވަރަކަށް ދަށްވާނެ ކަމަށް އޭނާ ލަފާކުރެއެވެ.