ދުނިޔޭގެ ވިޔަފާރި

ލަފާކުރި ވަރަށް ވުރެ އިތުރަށް 3 ވަނަ ކުއާޓަރުގައި ހޮންޑާއަށް ފައިދާވެއްޖެ


ޖަޕާނުގެ ހޮންޑާ މޮޓޯ ކޯގެ ތިން ވަނަ ކުއާޓަރުގެ އޮޕަރޭޓިން ފައިދާ ލަފާކުރި ވަރަށް ވުރެ ރަނގަޅުވެ، %22 އިތުރުވެއްޖެ ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.

3 ވަނަ ކުއާޓަރުގައި ފައިދާ ވެފައި ވަނީ ޖަޕާނުގެ ފައިސާ، ޔެންގެ އަގު ދަށްވުމުން ރޯ މެޓީރިއަލްގެ އަގު ވެއްޓި، ޗިޕް ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ވެހިކަލް އުފެއްދުމާއި ވިއްކުންވެސް މަދުވުމުގެ ސަބަބުންނެވެ.

ޑިސެމްބަރު މަހުގެ 31 އާއި ހަމައަށް 3 މަސް ދުވަހުގެ އޮޕަރޭޓިން ފައިދާގެ ގޮތުގައި 280.4 ބިލިއަން ޔެން ހޮންޑާއަށް ލިބިފައިވެއެވެ. އެނަލިސްޓުންގެ މެދުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ހޮންޑާގެ އޮޕަރޭޓިން ފައިދާ އެވްރެޖްކޮށް 239.4 ބިލިއަން ޔެން އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ހަމަ މި މުއްދަތުގައި 229.4 ބިލިއަން ޔެންގެ އޮޕަރޭޓިން ފައިދާއެއް ހޮންޑާއަށް ވަނީ ލިބިފައެވެ.

3 ވަނަ ކުއާޓަރުގައި މުޅި ޗައިނާއަށް ކޯވިޑުގެ ބަލިމަޑުކަން ފެތުރި، ޗިޕް ލިބުން ދަތިވުމުން، ހޮންޑާގެ ބައެއް ޑީލްތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނެވެ.

ޖެނުއަރީ މަހު ޗައިނާގެ ވިޔަފާރި އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު ގާތްގަނޑަކަށް %5 ދަށްވެފައިވާ ކަމަށް ހޮންޑާއިން ހާމަކުރެއެވެ. މީގެ އަސަރު އަސްލު ޕްލޭންތަކަށް ކުރި ކަމަށާއި ފެބްރުއަރީ މަހުން ފެށިގެން ޗައިނާގެ ވިޔަފާރި ރަނގަޅުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ހޮންޑާއިން ހާމަކުރެއެވެ.

ހޮންޑާގެ ޗައިނާ މާކެޓަށް ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ކުންފުނީގެ ގްރޫޕް ޔުނިޓް ވިޔަފާރިވަނީ 4.1 މިލިއަން ޔުނިޓުން 3.85 މިލިއަން ޔުނިޓަށް ދަށްކޮށްފައެވެ. އަދި މާޗް މަހުގެ ނިޔަލަށް އޮޕަރޭޓިން ފައިދާގެ ގޮތުގައި 870 ބިލިއަން ޔެން ލިބޭނެ ކަމަށްވެސް ހޮންޑާއިން ވަނީ ލަފާކޮށްފައެވެ.

ހޮންޑާގެ ގްލޯބަލް އޮޓޯމޮބައިލް ވިޔަފާރި މިދިޔަ މާލީ އަހަރުގެ ފުރަތަމަ 9 މަސް ދުވަހު %8.7 އަށް ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.