ޚަބަރު

މަގު އެއްވަރުކުރަނީ، ހަފްތާއެއްގެ ތެރޭގައި ސްޓެލްކޯއާއި ހަމައަށް ތާރުއަޅާނެ


އަމީނީ މަގުގައި ތާރު އެޅުމަށްޓަކައި ސްޓެލްކޯއާއާ ހަމަޔަށް މަގުގެ ވެލިގަނޑު އެއްވަރުކުރުމުގެ މަސައްކަތްތައް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ފަށައިފިއެވެ. އަމީނީ މަގުގައި މިހާރު މަސައްކަތް ކުރިއަށްދާ ސެގްމެންޓްތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީން އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަމީނީ މަގުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. މިގޮތުން މަގު އެއްވަރުކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށާއި، އަމާޒަކީ ކުރިއަށް އޮތް 7 ދުވަހުގެތެރޭގައި ތާރުއަޅާ ނިންމާލުންކަމަށް ޢާޒިމް ވިދާޅުވިއެވެ. އަދި މިކަން ކުރުމަށްޓަކައި އެކުންފުނިން 24 ގަޑިއިރު މަސައްކަތްކުރަމުންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.


އަމީނީ މަގުގައި ތާރުއެޅުމަށްޓަކައި އެމްޓީސީސީއާއި ހަވާލުކުރީ އަމީނީމަގުގައި ތާރުއެޅުމަށް އާރްޑީސީން ގެނައި މެޝިން ބަހައްޓާނެ ޖާގަ މިނިސްޓްރީން އަދި ހަމަޖައްސައިދީފައި ނުދެވާތީ އެމަސައްކަތް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މެޝިން ބަހައްޓާނެ ޖާގަ އާރްޑީސީއަށް ހަމަޖައްސާދެވުމުން ކުރިއަށް އޮތްތަނުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާރްޑީސީންކަމަށްވެސް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅަންޖެހެއެވެ. މި މަސައްކަތް އާރުޑީސީން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސެގްމެންޓް 4ގައި ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތްތައް ކަމަށް އާރުޑީސީން ވަނީ ހާމަކުރައްވާފައެވެ. އަދި އަމާޒަކީ ސެޕްޓެމްބަރުމަހަށް އަމީނީ މަގުގައި ތާރުއަޅާ އެއްކޮށް ނިންމާލުމެވެ.

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022 ގައެވެ. މަގު ހެދުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފެށީ 12 ސެޕްޓެމްބަރު 2022ގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ.