ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދިއިރު ހއ. ވަށަފަރުން މެޗަކުން ބަލިނުވެ ގްރޫޕް ސްޓޭޖު ނިންމާލައިފިއެވެ.
މި މުބާރާތުގައި ހުކުރު ދުވަހު 12 މެޗު ކުޅެފައިވާއިރު ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުތަކުން އެންމެ ފަހުގެ ރަނަރަޕް ގާފަރުން ވަނީ 2-1 އިން ކ. ގުރައިދޫ ބަލިކޮށްފައެވެ. އަދި ދިއްފުށި އަތުން ކ. ގުރައިދޫ 6-1 ގެ ނަތީޖާއަކުން ބަލިވިއިރު، ނާލާފުށިން 4-1 ގެ ނަތީޖާއަކުން މ. މުލަކު ވަނީ ބަލިކޮށްފައެވެ. މީގެ އިތުރުން މ. ކޮޅުފުށިން ވަނީ މ. ދިއްގަރުގެ މައްޗަށް 3-2 އިން ކުރިހޯދައިފިއެވެ.
ރޭ ކުޅުނު މެޗުން ތިމަރަފުށި ވަނީ ތ. ބުރުނީގެ މައްޗަށް 8-1 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. އަދި ހއ. ވަށަފަރުން ވަނީ ހއ. އުތީމުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި ގްރޫޕްގެ އެއްވަނަ ކަށަވަރުކޮށްފައެވެ.
ރޭ ހއ. ހޯރަފުށްޓާއި ހއ. އިހަވަންދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެފައެވެ. މި ދެ ޓީމަކީ މިދިޔަ އަހަރުގެ މުބާރާތުގެ އަތޮޅު ބުރުގެ ފައިނަލްގައި ކުޅުނު ދެ ޓީމެވެ.
ކ. މާފުށިން ވަނީ 2-1 އިން ކ. ހިންމަފުށި ބަލިކޮށްފަ އެވެ. ހއ. ކެލާ އިން 2-1 އިން ތުރާކުނު ބަލިކުރިއިރު، ހއ. މާރަންދޫން ވަނީ 3-2 އިން ހއ. ބާރަށްގެ މައްޗަށް ކުރިހޯދައިފަ އެވެ.
މި މުބާރާތުގައި މިއަދުވެސް 12 މެޗު ކުޅޭނެއެވެ. އެއީ ހަވީރު ހަތަރު މެޗާއި ރޭގަނޑު އަށް މެޗެވެ.