ދުނިޔޭގެ ވިޔަފާރި

ޔާހޫއިންވެސް 20 އިންސައްތަ މުވައްޒަފުން މަދުކުރަނީ


އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި ޔާހޫންއިން %20 މުވައްޒަފުން މަދުކުރަން ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޔާހޫއިން ބުނީ ކުންފުނީގެ މުވައްޒަފުން މަދުކުރަން ނިންމާފައިވަނީ ކުންފުނީގެ އިޝްތިހާރު ޑިވިޝަންގެ ރީސްޓްރަކްޗާއެއްގެ ތެރެއިންކަމަށެވެ.


މުވައްޒަފުން މަދުކުރުމުގެ ސަބަބުން މިއަހަރު ނިމޭއިރު ޔާހޫގެ އެޑް ޓެކްގެ %50 އާ ގާތްކުރާ އަދަދެއްގެ މުވައްޒަފުންނަށް މިކަމުގެ އަސަރުކުރާނެ ކަމަށާއި އޭގެ ތެރެއިން 1000 މުވައްޒަފުން މި ހަފްތާގައި މަދުކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ޔާހޫއިން ބުނި ގޮތުގައި މި ނިންމުމުގެ ސަބަބުން ކުންފުނީގެ މަސައްކަތާއި އިންވެސްޓްމަންޓްތައް ޑީއެސްޕީ ނުވަތަ ޑިމާންޑް ސައިޑް ޕްލެޓްފޯމް ނުވަތަ ޕްރައިމަރީ އެޑް ވިޔަފާރިއަށް ބޮޑަށް ފޯކަސް ކުރުމަށް ފަސޭހަވެގެންދާނެއެވެ. ޕްރައިމަރީ އެޑްއަކީ ބްރޭންޑްތައް އިޝްތިހާރު ކުރުމުގެ ބަދަލުގައި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމެވެ.

ޔާހޫއިން މުވައްޒަފުން މަދުކުރަން ނިންމާފައި މިވަނީ އިންފްލޭޝަން ރޭޓު މަތިވުމުގެ ގޮންޖެހުމާއި ދުނިޔޭގެ އިގްތިސާދު ރިސެޝަނަކަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ، އިޝްތިހާރު ކުރާ ގިނަ ފަރާތްތަކުން މާކެޓިންގް ބަޖެޓް ކުޑަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިންފްލޭޝަން މަތިވެ، އިންޓަރެސްޓު ރޭޓު މަތިވުމުގެ ސަބަބުން ޑިމާންޑު ދަށްވެ، ގޯލްޑްމަން ސާކްސް ގްރޫޕް އިންކްއިން ފެށިގެން އަލްފާބެޓް އިންކް އާއި ހަމައަށް އެމެރިކާގެ ގިނަ ކުންފުނިތަކަކުން ވަނީ މުވައްޒަފުން މަދުކޮށްފައެވެ.