ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާ ކުލަބު އީގަލްސްގެ ކޯޗަކަށް އަނެއްކާވެސް އިހުސާން އަބްދުލް ޣަނީ (ސާންތި) ހަމަޖައްސައިފިއެވެ.
ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީގަލްސްއިން ސާންތި އާއެކު ހަދާފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ސާންތި އެންމެ ފަހުން އީގަލްސްގެ ކޯޗުކަމުގައި ހުރީ 2017 ގެ މެދުތެރެއާ ހަމައަށެވެ. ކުލަބުގެ ކޯޗުކަމާ 2011 ގައި ހަވާލުވެ ސާންތި ވަނީ ޓީމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.
އަރަމުން އަންނަ ޒުވާން ޖީލުން ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް އުފެއްދި ސާންތި ވަނީ ޒުވާން ސްކޮޑަކާއެކު ރާއްޖޭގެ ފުޓުބޯޅައިގެ ގަދަ ބާރުތަކާއި ވާދަކޮށް މީގެކުރިން ފެންވަރު ދައްކާލާފައެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅެފައިވާއިރު، 2016 ގެ މުބާރާތުގެ ޗެމްޕިއަންކަން ވަނީ އޭނާގެ ކޯޗުކަމުގައި ހޯދާފައެވެ.
އީގަލްސްގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށްފަހު އޭނާ އެ ކުލަބުން ވަކިވީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަޤާމު އަދާކުރާށެވެ. ގާތްގަނޑަކަށް ތިން އަހަރު އެ މަޤާމުގައި ހޭދަކުރުމަށްފަހު ޒުވާން ޤައުމީ ޓީމުގެ ހެޑް ކޯޗުކަންވެސް އޭނާ ކޮށްފައިވެއެވެ.
ފުރަތަމަ ޑިވިޝަނުގައި ސާންތި އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގައެވެ. އެންމެ ފުރަތަމަ ކުލަބުގެ ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ފެށި ނަމަވެސް ފަހުން ވަނީ ހެޑް ކޯޗުކަމާ ހަވާލުވެފައެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އީގަލްސްއަށް ވަނީ ޒުވާން ޤައުމީ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. މީގެއިތުރުން އެ ޓީމުގެ ދެ ތަޖުރިބާކާރު މިޑްފީލްޑަރުން ކަމަށްވާ އިމްރާން ނަޝީދު (އިންމަ) އާއި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ގެ އެއްބަސްވުން އެ ޓީމުން ވަނީ އާކޮށްފައެވެ. އަދި އީގަލްސް އަށް ކުޅުނު މުބީން އިބްރާހިމް (މުއްކި) އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވެސް ވަނީ އެ ކުލަބަށް ގެނެސްފައެވެ.