ކުޅިވަރު

މާއުނގޫދޫގައި ހޭންޑްބޯޅަ އާއި ފުޓްބޯޅައަށް ޚާއްސަ އެކެޑަމީއެއް ހުޅުވައިފި


ށ. މާއުނގޫދޫ ބައޯނިކް ކުލަބުން އެ ރަށުގައި ފުޓްބޯޅަ އާއި ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް ޚާއްސަ އެކެޑަމީއެއް ހުޅުވައިފިއެވެ.

މާއުނގޫދޫ ފުޓްސަލް ދަނޑުގައި ހުކުރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެކަޑަމީ އިފްތިތާޙްކޮށްދެއްވީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެކަޑަމީ ކޯޗު އިބްރާހިމް ޝާފިއު (ޝާއްކޮ) އާއި ހޭންޑްބޯލް ޓްރެއިނަރ މުހައްމަދު އަސްލަމެވެ.

ދެ ޖިންސުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ހުޅުވި މި އެކަޑަމީ އަކީ މާއުނގޫދޫގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމުގެ މަޤްސަދުގައި ހުޅުވުނު އެކަޑަމީއެކެވެ. އެގޮތުން އަންހެން ކުޅުންތެރިިންނަށް ހޭންޑްބޯލް އަދި ފިރިހެން ކުޅުންތެރިންނަށް ފުޓުބޯޅަ ވަނީ ހާއްސަކުރެވިފައެވެ.

މި ރަސްމިއްޔާތުގައި އެކަޑަމީގެ ކުދިންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން ހޭންޑްބޯލް ޓްރެއިނަރ އަސްލަމް ވިދާޅުވީ، ކޮންމެ ކުޅިވަރެއް ކުޅުނު ކަމުގައި ވީނަމަވެސް އެ ކުޅިވަރަކުން ކުރިއަރާދާނީ ރިވެތި އަހްލާގާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއެކު ކަމަށެވެ. އެގޮތުން ތަމްރީނުތައް ކުރިއަށްދާ ވަގުތު ތަކުގައި ކޯޗުން ކިޔައިދޭ ކަންކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ބައޯނިކް ކްލަބުގެ ރައީސް އުބައިދުﷲ މުހައްމަދު ވިދާޅުވީ، މިއަދު އިފްތިތާޙްކުރި އެކަޑަމީއަކީ މީގެ އެތަކެއް އަހަރެއް ކުރިން ދެކެމުން އައި ހުވަފެނެއް ކަމަށާއި އަދި މިއީ އެކުވެރިކަމާއެކު އެކީގައި މަސައްކަތްކުރާ ޓީމެއްގެ ބުރަ މަސައްކަތް ކަމަށެވެ. އެހެންކަމުން ބައޯނިކް ކްލަބުގެ ރައީސް ވަނީ ކްލަބުގެ ހުރިހާ މެންބަރުންނާއި ވަކިން ހާއްސަކޮށް އެކަޑަމީގައި އުޅޭ ކުދިިންގެ ބެލެނިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ބައޯނިކް ކްލަބުގެ އެކަޑަމީގައި މިހާތަނަށް 94 ކުދިން ރެޖިސްޓްރީ ވެފައިވާއިރު، ފުޓުބޯޅަ އެކަޑަމީގައި 58 ކުދިން އަދި ހޭންޑްބޯޅައިގައި 36 ކުދިން ވަނީ ރެޖިސްޓްރީ ވެފައެވެ. މީގެ އިތުރުންވެސް އެކަޑަމީއަށް އިތުރު ކުދިން ވެއްދުމަށް އެ ކްލަބުން ދަނީ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ބައޯނިކް ކްލަބަކީ 2006 ވަނަ އަހަރުން ފެށިގެން މާއުނގޫދޫގައި ހަރަކާތްތެރިވަމުން އަންނަ ކްލަބެކެވެ. އެ ކްލަބުން އަންނަނީ ރަށުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ކުޅިވަރާއި މި ނޫންވެސް ރަށުގެ ޒުވާނުންނާ ގުޅޭ ކަންކަމުގައި އެންމެ ގާތުން ޝާމިލްވަމުންނެވެ. ބައޯނިކް ކްލަބުން އަންނަނީ އެ ރަށު ސްކޫލާއި އެހެނިހެންވެސް މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ބައޯނިކުން ވަނީ ތަފާތު އެކި މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތައްވެސް ހާސިލްކޮށްފައެވެ.