ޖަރުމަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ބޯކަމް ބަލިކުރި ނަމަވެސް، އެ ޓީމުގެ ކޯޗު ޖޫލިއަން ނާގަލްސްމަން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ. މެޗްގެ ކުރީކޮޅު ބަޔާންއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ބޯކަމްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމުން ވަނީ މެޗްގެ 41 ވަނަ މިނެޓްގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ 427 ވަނަ މެޗް ރޭ ބަޔޭންއަށް ކުޅެމުންދިޔަ ތޯމަސް މުލަރއެވެ.
މެޗްގައި ބަޔާންގެ ދެވަނަ ލަނޑު 64 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ކިންގްލޭ ކޯމަންއެވެ. އަދި ފަހުލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސަރޖް ގްނެބްރީއެވެ.
މި ކާމިޔާބީއާއެކު ބަޔާންއިން އެޓީމަށް ޕޮއިންޓު ތާވަލްގައި ލިބިފައިވި އެއްޕޮއިންޓްގެ ލީޑު ހިފެހެއްޓުނު ނަމަވެސް ކޯޗް ޖޫލިއަން ނާގެލްސްމަން ހުރީ އެހާ ހިތްހަމަ ޖެހިގެނެއް ނޫނެެވެ. އޭނާ ހާމަކުރިގޮތުގައި ހަފްތާ މެދުތެރޭ ޗެމްޕިއަންސް ލިގުގައި ޕެރިސް ސެއިންޓް ޖާމަން އާއި ދެކޮޅަށް ނިކުންނައިރު ޓީމް މިހާރަށްވުރެ ރަނގަޅު ވާންޖެހޭކަމަށެވެ.
ނާގަލްސްމަން ކުރާގޮތުގައި ބަޔާން އަދި ކުޅެމުންދަނީ އެޓީމްގެ އަސްލު ފެންވަރަކު ނޫނެވެ. ބަޔާންއަށް މިހާރުވަނީ 20 މެޗުން 43 ޕޮއިންޓް ލިބިފައެވެ. އަދި ބޯކަމް އުޅެނީ 19 ޕޮއިންޓާއެކު 15 ވަނައިގައެވެ.