ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ރެއާލް ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި އޭޝިއާގެ ޗެމްޕިއަން އަލް ހިލާލާ ބައްދަލުކޮށް 5 ލަނޑު 3 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
ދެޓީމްެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހާ ލީޑް ނަގާފައިވަނީ ރެއާލްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ވިނީޝިއަސް ޖޫނިއަރއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ފެޑެރީކޯ ވަލްވަރޑޭ ވަނީ ލަނޑެއް ޖަހާ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗްގައި އަލް ހިލާލްގެ ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ޖަހާދިނީ މޫސާ މަރޭގާއެވެ. މިމެޗްގައި ރެއާލްގެ ތިންވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން ކަރިމް ބެންޒީމާއެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ރެއާލްގެ ހަތަރުވަނަ ލަނޑު ޖަހާދިނީ ދެވަނަ ލަނޑުވެސް ޖަހާދިން ވަލްވަރޑޭއެވެ. މިމެޗްގައި އަލް ހިލާލްގެ ދެވަނަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާދިނީ ލޫނިއާނޯ ވިއޭޓޯއެވެ. ނަމަވެސް މިލަޏޑު ޖެހިތާ ހަ މިނެޓްފަހުން ވިނީޝިއަސް ޖޫނިއަރ ވަނީ ރެއާލްގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިމެޗްގައި ފެނިގެންދިޔަ 8 ވަނަ ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާ ދެތީމްގެ ދެމެދުގައި އޮތް ފަރަގު ދެ ލަނޑަކަށް ބަދަލުކޮށްދިނީ ވިއޭޓޯއެވެ.
މިކާމިޔާބީއާއެކު ރެއާލް މިހާރުމިވަނީ ކްލަބް ވާރލްޑް ކަޕްގެ ތަށި ފަސްވަނަ ފަހަރަށް އުފުލާލާފައެވެ. އަދި މިއާއެކު އެންމެފަހުން ކުޅުނު 10 މުބާރާތްވެސް ކާމިޔާބުކޮށްފައިމިވަނީ ޔޫރަޕްގެ ކްލަބްތަކުންނެވެ. މިމުބާރާތުގައި އާންމުކޮށް ޔޫރަޕްގެ ޗެމްޕިއަނުންނަށް އެންމެ ވާދަކުރާ ބަޔަކަށް އުޅެނީ ދެކުނު އެމެރިކާގެ ޗެމްޕިއަން ކަމުގައި ވީ ނަމަވެސް މިފަހަރު ދެކުނު އެމެރިކާ ތަމްސީލް ކުރި ފްލެމެންގޯވަނީ ސެމީފައިނަލްގައި އަލް ހިލާލް އަތުން ބަލިވެފައެވެ.
ފީފާއިން މިހާރު އަންނަނީ މިމުބާރާތުގެ ފޯމެޓް 2025 ވަނަ އަހަރުން ފެށިގެން ބަދަލުކުރުމަށް ވިސްނަމުންނެވެ. މިގޮތުން ވާރލްޑް ކަޕް އޮންނަ ގޮތަށް ހަތަރު އަހަރުން އެއް އަހަރު 32 ޓީމާއެކު ބާއްވާގޮތަށް ހަމަޖައްސާފައެވެ.