ކުޅިވަރު

ޓޮޓްނަމް އަތުން ލެސްޓާއަށް ފަސޭހަ މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗު ލެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.

ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓަރއިންނެވެ. މިމެޗްގައި ލެސްޓަރއިން ފަހަތުން އަރާ ސްޕަރސް ކޮޅަށް ހަތަރު ލަނޑު ޖެހުމުން ގިނަ ބަޔެއްގެ ތައުރީފް އަމާޒުވަމުންދާއިރު ސްޕަރސްގެ ފަރާތުން ފެނުނު ކުޅުމަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސްޕަރސްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރޮޑްރިގޯ ބެންޓެންކަރއެވެ. ނަމަވެސް މިލަނޑު ޖެހިތާ 9 މިނެޓްފަހުން ލެސްޓަރއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ނެމްޕެލީސް މެންޑީއެވެ. މިއީ 2015 ވަނަ އަހަރު ނީސް އަށް ކާމިޔާބުކޮށްދިން ލަނޑަށް ފަހު އޭނާއަށް ޖެހުނު ފުރަތަމަ ލަނޑެވެ.

މިލަނޑު ޖެހިތާ 2 މިނެޓްފަހުން ލެސްޓަރއިން ވަނީ މިމެޗްގެ ލީޑުވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖޭމްސް މެޑިސަންެއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ކެލޭޗީ އިއަނާޗިއޯވަނީ ލަނޑެއް ޖަހާ ލެސްޓަރގެ ލީޑު ފުޅާކޮށްދީފައެވެ. މިމެޗްގައި ލެސްޓަރގެ ފަހު ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހާދިނީ ހާރވީ ބާރންސްއެވެ. މިމެޗްގައި ސްޕަރސްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ވަނީ ވަރަށް ފަހުން ކުރި އޮޕަޜޭޝަނަކަށްފަހު ފުރަތަމަ ފަހަރަށް ބެންޗުން ފެނިގެން ގޮސްފައެވެ.

މިކާމިޔާބީއާއެކު ލެސްޓަރ މިހާރު އުޅެނީ ކުޅުނު 22 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ. އަދި ސްޕަރސް މިނާކާމިޔާބީ އާއެކު އުޅެނީ 39 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި ތާވަލްގެ ހަތަރު ވަނައަށް އަރުމަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލުވާލާފައެވެ.