ކުޅިވަރު

ޗެމްޕިއަން ޕީއެސްޖީ ބަލިކޮށް މޮނާކޯ ތިންވަނައަށް


ފްރެންޗް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު މޮނާކޯއިން ކާމިޔާބުކޮށްފިއެވެ.

މޮނާކޯގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ޕިއެސްޖީއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ މޮނާކޯއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ހަތަރު ވަނަ މިނެޓްގައި ޖަހާ މެޗްގެ ލީޑު ނަގާފައިވަނީ މޮނާކޯއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެލެކްސަންޑަރ ގޮލޮވިންެއެވެ. އަދި މެޗްގެ 18 ވަނަ މިނެޓްގައި މޮނާކޯގެ ލީދް ފުޅާކޮށްދިނީ ވިސާމް ބެން ޔެޑަރއެވެ.

މިމެޗްގައި ޕީއެސްޖީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާދިނީ އުމުރުން 16 އަހަރުގެ ވާރެން ޒިއޭ އެމެރީއެވެ. މިމެޗްގައި މޮނާކޯގެ ފަހު ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ ދެވަނަ ލަނޑުވެސް ޖަހާދިން ބެން ޔެޑަރއެވެ. މިއީ އޭނާ މިސީޒަންގައި ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. މިމެޗްގެ ދެވަނަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

ކިލިއަން އެމްބާޕޭ އާއި ލިއޮނެލް މެސީ އަދި މާކޯ ވެރާޓީ އާއި ނުލާ ކުޅެމުންދިޔަ ޕީއެސްޖީ މިވަނީ ވޭތިވެދިޔަ ހަތަރު ދުވަސްތެރޭ ދެފަހަރަށް ބަލިވެފައެވެ. އަދި ހަފްތާ މެދުތެރޭ ބަޔޭން މިޔުނިކާއި ދެކޮޅަށް ނިކުންނައިރު ޓީމް މިހާރު އޮތް ހާލަތާމެދު ކޯޗް ކްރިސްޓޮފަރ ގަލްޓީއޭ ހާސްވާނެކަމަށްވަނީ ބެލެވިފައެވެ.

މިކާމިޔާބީއާއެކު މޮނާކޯ މިހާރު އުޅެނީ ކުޅުނު 23 މެޗުން ލިިފައިވާ 47 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޕީއެސްޖީ އުޅެނީ 54 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.