ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ކަނޑުހުޅުދޫ، ދެއްވަދޫ އަދި ކަނޑިތީމު އަތޮޅު ސެމީއަށް


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އަތޮޅު ސެމީ ފައިނަލަށް ގއ. ކަނޑުހުޅުދޫ އާއި، ދެއްވަދޫ އަދި ށ. ކަނޑިތީމު ދަތުރުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ގއ. އަތޮޅުގެ ގްރޫޕް ދޭއްގެ މެޗުން ކަނޑުހުޅުދޫން ވަނީ 5-1 ގެ ނަތީޖާއަކުން ގއ. ނިލަންދޫ ބަލިކޮށްފައެވެ. އެ ގްރޫޕްގެ އަނެއް މެޗުން ދާންދޫ އާއި ކޮނޑޭ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

އަދި ގއ. ދެއްވަދޫން ވަނީ އެ އަތޮޅު ގްރޫޕް އެކެއްގައި ގއ. ވިލިނގިލި އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އެ ގްރޫޕް އަނެއް މެޗުގައި ގއ. މާމެންދޫ އާއި ގެމަނަފުށި ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން ފުރަތަމަ ދެ މެޗުން މޮޅުވެފައިވާތީ ކަނޑުހުޅުދޫ އާއި ދެއްވަދޫއަށް ވަނީ ސެމީގެ ޖާގަ ޔަގީންވެފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ށ. އަތޮޅުގެ ގްރޫޕް އެކެއްގައި ކަނޑިތީމު ކުޅުނު ދެވަނަ މެޗުން މަރޮށި ބަލިކުރީ 6-2 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕްގެ އަނެއް މެޗުން ބިލެތްފަހިން ވަނީ 4-2 ގެ ނަތީޖާއަކުން މިލަންދޫ ބަލިކޮށްފައެވެ. އއ. އަތޮޅުގައި ކުޅުނު މެޗުތަކުން ބޮޑުފޮޅުދޫ އާއި މަތިވެރީގެ ކުރިމަތިލުން ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އަދި ރަސްދޫ އާއި ތޮއްޑޫގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އދ. އަތޮޅުގެ މެޗުތައވެސް ހޮނިހިރު ދުވަހުގެރޭ ކުޅުނުއިރު، މަހިބަދޫން ވަނީ 4-0 ގެ ނަތީޖާއަކުން ފެންފުށި ބަލިކޮށްފައެވެ. އަދި އދ. އަތޮޅުގެ އަނެއް ގްރޫޕްގައި ހަންޏާމީދޫ އާއި ދަނގެތި ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ރ. އަތޮޅު ބުރުގައި ކުޅުނު މެޗުތަކަށް ބަލާއިރު، އަލިފުށިން ވަނީ 5-1 ގެ ނަތީޖާއަކުން އިންނަމާދޫ ބަލިކޮށްފައެވެ. އަދި އެ އަތޮޅު، އިނގުރައިދޫން ވަނީ ފަސޭހަކަމާއެކު މީދޫ 7-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އާދީއްތަ ދުވަހުގެރޭވެސް އަށް މެޗެއް ކުޅެވޭނެއެވެ. އެގޮތުން އާދީއްތަ ދުވަހުގެރޭ ކުޅެވިގެންދާނީ ހދ. އަތޮޅުގެ ހަތަރު މެޗާއި ހއ. ގެ ކުއާޓާ ފައިނަލް މެޗުތަކެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.