ޚަބަރު

މަގުހެދުމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓަރ އަސްލަމް އައްޑޫގައި


އައްޑޫ ސިޓީ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ އަސްލަމް އައްޑޫ ސިޓީއަށް ރޭ ވަޑައިގެންފައިވާއިރު މިއަދު ހެނދުނު އެމަނިކުފާނު ވަނީ މަޝްވަރާތައް ފައްޓާފައެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫއެސް ޑޮލަރގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ. 77.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު 730 ދުވަސް ތެރޭގައި ނިންމަންޖެހެއެވެ.

މިނިސްޓަރގެ ދަތުރާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޞާދިޤު ވިދާޅުވީ މިނިސްޓަރ މިއަދު ހެނދުނު މިމަސައްކަތުގެ ކޮންޓެކްޓަރާއި، އިންޖިނިއަރުންނާއި، މިނިސްޓްރީގެ ޓީމާއި، ސިޓީ ކައުންސިލާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. އަދި މިމަޝްވަރާތަކުގައި މައްސަލަތައް ދެނެގަނެވި އެކަންކަމަށް ހައްލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް އެއް މަސް ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި، މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓްތަކަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައި އަދި އާންމުންގެ ކަންބޮޑުވުންތައްވެސް އޮޅުން ފިލުއްވައި، ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެއެވެ.

އައްޑޫ މަގު ހެދުމުގެ މަސައްކަތް އެފްކޯންސްއިން ކުރިއަށްގެންދާ ގޮތާއިމެދު އައްޑޫ ސިޓީ ކައުންސިލާއި ބައެއް އާންމު ރައްޔިތުންގެވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.