ކުޅިވަރު

ރާއްޖޭގައި ބާއްވާ ފޯ ނޭޝަންސް ވޮލީ މުބާރާތް ލޯންޗުކޮށްފި


މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

އަންހެން އަދި ފިރިހެން މުބާރާތް ރާއްޖޭގައި ބާއްވާއިރު، މި މުބާރާތް ކުރިއަށްދާނ މި މަހު 23-27 އަށެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަނުގައި މެލޭޝިއާ އާއި ސިންގަޕޫރުގެ އިތުރުން އަފްގާނިސްތާނު ބައިވެރިވާއިރު، އަންހެން ޑިވިޝަނުގައި އަފްގާނިސްތާން ބައިވެރިއެއް ނުވާނެއެވެ.

އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ. މި މުބާރާތް ކުރިއަށްދާނީ ރައުންޑް ރޮބިން ކުޅުމަށްފަހު އެއްވަނަ ފައިނަލަށް ދާ ގޮތަށް ކަމަށެވެ، އަދި ދެވަނަ ޓީމާއި ތިންވަނަ ޓީމު ސެމީ ފައިނަލް ކުޅޭ ގޮތަށެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، ވޮލީއަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކުޅިވަރެއް ކަމަށާއި، އޭގެ ހެއްކަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅިފައި ހުރި ވޮލީކޯޓުތައް ފުދޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު ޓީމަކުން ޔޫރަޕުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ޓްރެއިނިންގ ކޭމްޕް ކުރިއަށް ދިޔައީ ވޮލީއިން ކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.

މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތައް ތައްޔާރުވުމުގެ ގޮތުން އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުން މިހާރު އަންނަނީ ތައިލެންޑްގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. މީގެ ކުރިން މިދިޔަ ނޮވެމްބަރު މަހުގައި ރާއްޖޭގެ ވޮލީ ޓީމުން ވަނީ ސައުދީގައިވެސް ޓްރެއިނިންގ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ.