ދުނިޔޭގެ ވިޔަފާރި

ކުޑަކުދިން ލައްވާ މަސައްކަތްކުރާތީ ހިޔުންޑާއީން ލޭބަރ ޑިޕާޓްމަންޓާއެކު މަޝްވަރާކުރަނީ


ސަޕްލައި ޗެއިންގައި ކުޑަކުދިން މަސައްކަތްކުރާ މައްސަލަ ހައްލުކުރުމަށް ދެކުނު ކޮރެއާގެ އޮޓޯ އުފައްދާ ކުންފުނި، ހިޔުންޑާއި އިން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ލޭބާރއާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ނޫހުން ކުރި ތަހުގީގަކަށް އެނގިފައިވާ ގޮތުގައި ހިޔުންޑާއީގެ އަލްމާބާ ކާރުޚާނާގައި 12 އަހަރުން ދަށުގެ ކުޑަކުދިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ހިޔުންޑާއީން މިހާރު އަންނަނީ އަޅަމުން ކަމަށްވެސް ރޮއިޓާސް އިން ރިޕޯޓުކުރެއެވެ.

މިކަމާއި ގުޅިގެން ހިޔުންޑާއީން މިދިޔަ ހަފްތާ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ސަބްސިޑަރީ އަލްބަމާގައި ހުންނަ ކާރުޚާނާއާއި، ހިޔުންޑާއީގެ ސިސްޓަރ ބްރޭންޑް، ކިއާ ކޮޕްގައި ކުޑަކުދިން މަސައްކަތްކުރަމުންދާ މައްސަލަ ތަހުގީގު ކުރަމުންދާ އެމެރިކާގެ ލޭބަރ ޑިޕާރޓްމަންޓާއިއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ލޭބަރ ރެގިއުލޭޓަރާއިއެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޤަވާއިދާ އެއްގޮތަށް ޢަމަލު ކުރުމަށް ސަޕްލައި ޗެއިންގައި އަޅާ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް އެކުންފުނީގެ ތަރުޖަމާނު މައިކަލް ސްޓިވަޓް ނެރުނު ބަޔާނެއްގައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޤަވާއިދާއި ޚިލާފު ނުވާނެކަން ޔަގީން ކުރަން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލުވެސް މައިކަލް ދެއްވިއެވެ.

އެގޮތުން މުޅި އެމެރިކާގެ ސަޕްލައި ޗެއިންގައި އައި ވަޒީފާގެ ތަމްރީނު ޕްރޮގްރާމްތައް ތައާރަފްކޮށް، ވަޒީފާއަށް އެދޭ ފަރާތްތަކުގެ އައިޑެންޓިފިކޭޝަން ޑޮކިއުމަންޓްތައް ސައްހަތޯ ބަލައި، ކާކުކަން ނޭގޭ ގޮތަށް ވާހަކަ ދެއްކޭ ޓިޕް ހޮޓްލައިންތައް ގާއިމްކޮށް، ތާރޑް ޕާޓީ ސްޓާފިން އޭޖެންސީތައް ބޭނުން ކުރުމަށް ހިތްވަރު ނުދޭނެ ކަމަށް ހިޔުންޑާއީން ބުނެއެވެ. ރޮއިޓާސްއިން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި އެ އިދާރާތަކުން ބައެއް ފަހަރު ވަރަށް ޅަ އުމުރުފުރައިގެ މަސައްކަތްތެރިންވެސް ސަޕްލައި ކުރާ ފަރާތްތަކުގެ ޕްލާންޓްތަކުގައި ބައިތިއްބައެވެ.

ހިޔުންޑާއީއާއެކު ބޭއްވި ބައްދަލުވުންތަކާއި މަޝްވަރާތަކާއި ގުޅޭ ގޮތުން ލޭބަރ ޑިޕާޓްމަންޓުން އަދި އެއްޗެއް ބުނާކަށް ބޭނުމެއް ނުވެއެވެ. އެ ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ވިދާޅުވީ ގާނޫނުގެ ދަށުން ވަޒީފާދޭ ފަރާތްތަކުގެ ޒިންމާ އެފަރާތްތަކަށް ރަނގަޅަށް އެނގޭނެ ކަން އެ ޑިޕާޓްމަންޓުން ޔަގީން ކުރާނެއެވެ.

ހިޔުންޑާއީ އިން މި ބަޔާން ނެރެފައިވަނީ އެ ކުންފުނީގެ އެމެރިކާގެ އެސެމްބްލީ ޕްލާންޓް ހުރި ތަން ހިމެނޭ އެމެރިކާގެ އަލްބާމާ ޑިސްޓްރިކްޓްގެ ކޮންގްރެސް މެންބަރަކު އެ ސްޓޭޓްގެ އޮޓޯމޯޓިވް ކާރުޚާނާތަކުގައި ކުޑަކުދިން ގަވާއިދާ ޚިލާފަށް މަސައްކަތް ނުކުރާނެ ގޮތް ހެދުމަށް އޮޓޯ އުފައްދާ ކުންފުންޏަށް ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.