ޖަޕާނުގެ އޮޓޯ އުފައްދާ ކުންފުނި ޓޮޔޯޓާ މޮޓޯ ކޯޕަރޭޝަންގެ އޮޕަރޭޓިން ފައިދާ ތިން ވަނަ ކުއާޓަރުގައި %22 އަށް އިތުރު ވެއްޖެކަމަށް އެ ކުންފުނިން ބުނެފިއެވެ. ޓޮޔޯޓާއަށް އޮޕަރޭޓިން ފައިދާވެފައި ވަނީ ޖަޕާނުގެ ފައިސާ، ޔެން ގެ އަގު ދަށްވެ، ކުންފުނީގެ ވިޔަފާރި އިތުރުވުމުގެ ސަބަބުންނެވެ.
ބޮޑެތި ހުރިހާ ސަރަހައްދެއްގައި ވެސް ވިޔަފާރި ރަނގަޅުވެފައިވާއިރު، ޓޮޔޯޓާގެ އެންމެ ބޮޑު މާކެޓް ކަމަށްވާ އުތުރު އެމެރިކާއިން ވަނީ %16 ގެ ކުރިއެރުމެއް ލިބިފައެވެ. މިއީ ޓޮޔޯޓާއަށް ލިބުނު އެންމެ ރަނގަޅު އޮޕަރޭޓިން ފައިދާ ލިބުނު ގައުމެވެ.
"ވެހިކަލް ވިޔަފާރި ވަރުގަދަ ނަމަވެސް ޚަރަދުތައް ދަނީ ބޮޑުވަމުން،" އެސްބީއައި ސެކިއުރިޓީޒްގެ ސީނިއާ އެނަލިސްޓް ކޯޖީ އެންޑޯ ވިދާޅުވިއެވެ.
"އެކަން ފޫބައްދަން ޓޮޔޯޓާއިން ދަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި ހަމައިން ފެށިގެން އެމެރިކާގައި މަޑުމަޑުން އަގުތައް ބޮޑުކުރަމުން." އޭނާ ވިދާޅުވިއެވެ.
ޑިސެމްބަރު 31 ގައި ނިމުނު ތިން މަސް ދުވަހުގެ މުއްދަތުގައި ޓޮޔޯޓާއަށް ލިބުނު އޮޕަރޭޓިން ފައިދާއަކީ 956.7 ބިލިއަން ޔެން އެވެ. މިއީ ރެފިނިޓިވްގެ ގެ ދިރާސާކުރާ 10 ފަރާތުން ލަފާކުރި އެވްރެޖް 764.54 ބިލިއަން ޔެންގެ ފައިދާއަށް ވުރެ ބޮޑު އަދަދެކެވެ. މީގެ އަހަރެއްހާ ދުވަހުގެ މި މުއްދަތުގައި ޓޮޔޯޓާއަށް ވަނީ 784.4 ބިލިއަން ޔެންގެ ފައިދާއެއް ލިބިފައެވެ.
އަހަރަކު އުފެއްދުމަށް އަމާޒު ހިފާފައިވާ މިންވަރު ގާތްގަނޑަކަށް %1 ކުޑަކޮށް، 9.1 މިލިއަން އުޅަނދަށް މަދުކުރި ނަމަވެސް، ކުރިން ލަފާކޮށްފައިވާ ގޮތަށް މާޗް މަހުގެ ނިޔަލަށް އަހަރަކު 2.4 ޓްރިލިއަން ޔެންގެ އަހަރީ ފައިދާއެއް ލިބޭނެ ކަމަށް ޓޮޔޯޓާއިން ވަނީ ލަފާކޮށްފައެވެ.
ޓޮޔޯޓާއަށް ކުރިއެރުން ލިބިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޔެންގެ އަގު ދަށްވުމުންނެވެ. ޔެންގެ އަގު އޮކްޓޯބަރު 21 ވަނަ ދުވަހު ވަނީ ވޭތުވެދިޔަ 32 އަހަރުވެސް ނުދާހާ ދަށަށް ވެއްޓިފައެވެ. އޮކްޓޫބަރު މަހު 1 ޔެންގެ އަގަކީ 151.94 އެމެރިކާ ޑޮލަރެވެ.
ސެމީކޮންޑަކްޓަރ ލިބުން ދަތިވުމާއި ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ކާރު އުފައްދާ ކުންފުނިތަކަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ޓޮޔޯޓާއިން ބުނީ އެ ކުންފުނިން މިހާރު އަންނަނީ ޗިޕްސްގެ ރަނގަޅު ސަޕްލައިއެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.