ޚަބަރު

އަންހެން ސެކިއުރިޓީން ލައްވައި ފިރިހެން މެންބަރުން ނެރެން ނުޖެހޭގޮތަށް އިޞްލާހު ހުށައަޅައިފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރެއްގެ ނަން އިއްވައި ޗެމްބަރުން ނެރެންޖެހޭ ހާލަތެއްގައި، އަންހެން ސެކިއުރިޓީން ލައްވާ އެކަން ކުރަން ނުޖެހޭގޮތަށް، މަޖިލީހުގެ ޤަވާއިދަށް އިޞްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. މިގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

ރޮޒައިނާ ހުށަހެޅުއްވި މިމައްސަލައަކީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް އިދިކޮޅު މެންބަރުން ހުރަސް އެޅުމާއި ގުޅިގެން މެމްބަރުން ތަޅުމުން ނެރުމަށް ޢަމަލުކޮށްފައިވާ ގޮތާއިމެދު ހުރި ކަންބޮޑުވުމަށް ހައްލު ގެނައުމަށް ހުށަހެޅުއްވި އިސްލާޙެކެވެ. މަޖިލީހުގައި އެދުވަހު އިދިކޮޅު މެންބަރުން ކުރި އިހުރިޖާޖުގައި ނަން އިއްވި ފިރިހެން މެމްބަރުން ތަޅުމުން ބޭރަށް ނެރުމަށް ފުރަތަމަ މަސައްކަތްކުރެއްވީ މަޖިލީހުގެ އަންހެން ސެކިއުރިޓީންނެވެ.

ރޮޒައިނާ ވިދާޅުވެފައިވީ، މަޖިލީހުގެ ތަޅުމުގައި ހިނގާދިޔަ ކަންކަމަކީ މަޖިލީހުގެ ސެކިއުރިޓީންނަށް މަޖިލީހުގެ ވެރިން ދެއްވި އިރުޝާދާ އެއްގޮތަށް ހިނގާދިޔަ ކަންތައް ކަމަށެވެ. އަންހެނުން ސެކިއުރިޓީން ގޮތުގައި މަސައްކަތްކުރާ ޢަދަދު މަދުކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ އެފަދަ ދާއިރާތަކުގައި ތިބޭ މީހުން ބަދުނާމުކޮށް، އަގުވައްޓާލުމަށް ހަގީގަތާއި ޚިލާފު ވާހަކަ ދެއްކުން ބަލައި ނުގަނެވޭނެކަމަށެވެ. މިއީ އެފަދަ ދާއިރާތަކަށް އަންހެނުން ނިކުތުމަށް ދިމާވާ ގޮންޖެހުމެއްގެ ގޮތުގައި ރޮޒައިނާ ސިފަކުރެއްވިއެވެ.

ރޮޒައިނާ މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހުގައި ވަނީ، މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވައި، އެނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓޭނެކަމަށެވެ. މިގޮތުން މާލަމުން މީހަކު ނެރެން ޖެހިއްޖެ ހިނދެއްގައި، ނެރެންޖެހުނު މިކާއަކީ ފިރިހެނެއްކަމުގައި ވާނަމަ، އެމީހަކު ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާންވާނީ ފިރިހެން އިންޓަރނަލް ސެކިއުރިޓީ އޮފިސަރުންކަމަށެވެ. އަދި ނެރެންޖެހުނު މީހާއަކީ އަންހެނެއްކަމުގައި ވާނަމަ، އެމީހަކު ނެރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާންވާނީ އަންހެން އިންޓަރނަލް ސެކިއުރިޓީ އޮފިސަރުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދު މިހާރު ބުނާގޮތުން މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދައޮތް މީހަކު ފިޔަވައި، އެނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓޭނެކަން ބާޔާންކޮށްފައިވާއިރު، މެމްބަރުން ތަޅުމުން ނެރުމުގައި އަމުކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައިނުވެއެވެ.

މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ހިނގާ ދިޔަ ކަންކަމަކީ އާންމު އުސޫލުން ބޭރުން ހިނގާދިޔަ ކަންތައްތަކެއްކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އަންހެން ސެކިއުރިޓީންނަށް ފާޑުކިޔައި، ފުރައްސާރަކޮށް، ހަޑިހުތުރު ބަހުން މުޚާޠަބުކުރުން ހުއްޓާލުމަށް ރޮޒައިނާ ގޮވާލެއްވިއެވެ. އަދި އަންހެން ސެކިއުރިޓީންނަށް އެފަދަ ހާލަތްތަކުގައި ހިމާޔަތާއި ރައްކާތެރިކަން ލިބޭނެގޮތަށް މަޖިލީހުގެ ޤަވާއިދަށް އިޞްލާހު ގެނައުމަކީ މުހިންމު ކަމެއްކަމަށް ރޮޒައިނާ ވިދާޅުވެފައިވެއެވެ.