ކުޅިވަރު

މާޒިޔާ ދޫކޮށް ފޭދޫ އިއްބެ އީގަލްސްއަށް


ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާ ކުލަބު އީގަލްސްއިން ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ގެ ސޮއި ހޯދައިފިއެވެ.

ފޭދޫ އިއްބެ އީގަލްސްއާއި ގުޅުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު ކޮންޓްރެކްޓް ހަމަވުމުން އެ ކުލަބު ދޫކޮށްލުމަށްފަހު އެވެ. އޭނާ އީގަލްސްއާ ގުޅުނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިނިވަން 50 ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސ. ފޭދޫ ޓީމުން ވިދާލި އިއްބެ ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށީ 2016 ވަނަ އަހަރުން ފެށިގެންނެވެ. ޓީސީ ސްޕޯޓްސް ކުލަބާއި ގުޅުމަށްފަހު އޭނާ އެ ކުލަބުގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައިވެއެވެ. އަދި 2018 ގައި ޤައުމީ ޓީމާ ގުޅުމަށްފަހު އޭނާ ދަނީ ޤަވާއިދުން ޓީމުން ޖާގަ ހޯދަމުންނެވެ. މީގެއިތުރުން ޓީސީ ސްޕޯޓްސް ކުލަބަށް ލީގު ހޯދައިދިނުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކޮށްފައިވެއެވެ.

ފޭދޫ އިއްބެގެ އެ މަޤާމުގައި މީގެކުރިން ކުޅެމުންދިޔައީ ދާދިފަހުން މާޒިޔާއާ ގުޅުނު ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އީގަލްސްގެ ފޯވާޑްލައިންގައި މިހާރު ދެން ތިބި ކުޅުންތެރިންނަކީ އަހްމަދު ރިޒްވާން އާއިޒައިން ޒުފަރު އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އީގަލްސްއަށް ވަނީ ޒުވާން ޤައުމީ ޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. މީގެއިތުރުން އެ ޓީމުގެ ދެ ތަޖުރިބާކާރު މިޑްފީލްޑަރުން ކަމަށްވާ އިމްރާން ނަޝީދު (އިންމަ) އާއި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ގެ އެއްބަސްވުން އެ ޓީމުން ވަނީ އާކޮށްފައެވެ. އަދި އީގަލްސް އަށް ކުޅުނު މުބީން އިބްރާހިމް (މުއްކި) އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވެސް ވަނީ އެ ކުލަބަށް ގެނެސްފައެވެ.

މީގެއިތުރުން ކުރިއަށް އޮތް ސީޒަންގައި ޓީމުގެ ކޯޗަކަށް އިހްސާން އަބްދުލް ގަނީ (ސާންތީ) ވަނީ ހަމަޖައްސާފައެވެ. ޓީމުގެ ފަރިތަކުރުންތައް ވަރަށް އަވަހަށް ފަށާނެކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.