ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ނައިވާދޫ، ނޭކުރެންދޫ އަދި ނެއްލައިދޫ އަތޮޅު ސެމީއަށް


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ހދ. އަތޮޅުގެ ސެމީ ފައިނަލަށް ނައިވާދޫ އާއި، ނޭކުރެންދޫ އަދި ނެއްލައިދޫ ދަތުރުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު ހދ. އަތޮޅުގެ ގްރޫޕް އެކެއްގައި ނައިވާދޫން ވަނީ ހިރިމަރަދޫ އަތުން 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެ ގްރޫޕްގައި ނޮޅިވަރަންފަރު އަތުން ނޭކުރެންދޫ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެއާއެކު ގްރޫޕް އެކަކުން ސެމީގެ ދެ ޖާގަވެސް ވަނީ ޔަގީންވެފައެވެ.

ހދ. އަތޮޅުގެ ގްރޫޕް ދޭއްގައި ވައިކަރަދޫ އަތުން ކުމުންދޫ 3-1 ގެ ނަތީޖާއަކުން މޮޅުވިއިރު، އެ ގްރޫޕްގެ އަނެއް މެޗުން ނެއްލައިދޫން ވަނީ ފިނޭ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ހދ. ގެ ގްރޫޕް ދޭއްގައި ފަސް ޓީމު ވާދަކުރާއިރު، ފަހު ދެ މެޗަށް ދާއިރު އެއްވަަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު ނެއްލައިދޫއެވެ. އެ ޓީމަށް ގްރޫޕްގެ މެޗުތައް ހަމަވިއިރު، ވަނީ ސެމީ ޔަގީންވެފައެވެ. ދެވަނައިގައި އޮތީ ހަ ޕޮއިންޓާއެކު ކުމުންދޫއެވެ. ދެން މި ގްރޫޕްގައި އޮތް ފިނޭ އާއި މަކުނުދޫ އަދި ވައިކަރަދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ހއ. އަތޮޅުގެ ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ ހއ. ވަށަފަރާއި، އުތީމާއި، މުރައިދޫ އަދި ފިއްލަދޫންވެސް ވަނީ ސެމީ ފައިނަލުގެ ޖާގަތައް ޔަގީންކޮށްފައެވެ.

ކުއާޓާ ފައިނަލްގައި ކެލާ އަތުން މުރައިދޫ މޮޅުވީ ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުންނެވެ. ފިއްލަދޫން ވަނީ ބާރަށް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ވަށަފަރުން 4-2 ގެ ނަތީޖާއަކުން މާރަންދޫ ބަލިކުރިއިރު، ދިއްދޫ އަތުން އުތީމު މޮޅުވީ 2-1 އިގެ ނަތީޖާއަކުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހޯމަ ދުވަހުގެރޭވެސް އަށް މެޗެއް ކުޅެވޭނެއެވެ. އެގޮތުން ހޯމަ ދުވަހުގެރޭ ކުޅެވިގެންދާނީ ތ، ގދ، ލ އަދި އދ. އަތޮޅުގެ މެޗުތަކެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.