ކުޅިވަރު

އެސްޓަން ވިލާ ބަލިކޮށް ސިޓީން އުއްމީދު އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެރުމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުރަމުންދާ އުއްމީދު އާކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. އަދި މިގޮތުން މެޗްގެ ހަތަރު ވަނަ މިނެޓްގައި ސިޓީއިން ވަނީ މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ.

ސިޓީގެ ދެވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ވިލާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އަރލިންގ ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ކެޕްޓން އިލްކައި ގުންޑޮގާންއެވެ. އަދި އެޓީމުން ކާމިިޔާބުކުރި ފަހު ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހާދިނީ ލިބުނު ޕެނަލްޓީ އަކުން ރިޔާދު މަހްރެއިޒްއެވެ.

މިމެޗްގެ ދެވަނަ ހާފަށް ސިޓީ ނިކުތީ ދެބަދަލަކާއެކުއެވެ. މިގޮތުން އެންމެ ކުރިއަށް ކުޅޭ ހާލަންޑް އާއި ފަހަތަށް ކުޅޭ ރުބެން ޑިއާޒް ދެވަނަ ހާފްގައި ކުޅެން އަރާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކުޅެން އަރާފައިވަނީ ހޫލިއަން އަލްވަރޭޒް އާއި އަކާންޖީއެވެ. މިމެޗްގައި ވިލާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ސިޓީގެ ބެނާޑޯ ސިލްވަރއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކާމިޔާބުކުރީ އޮލީ ވޮޓްކިންސްއެވެ.

މިލަނޑާއެކު މިމެޗުން ނަތީޖާއެއް ނެރެވޭތޯ ވިލާއިން ވަރަށް ބޮޑަށް މަސައްކަޔް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއްނުވިއެވެ. ނަމަވެސް މެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ވިލާއިން ވަނީ ސިޓީ ހާސްކޮށްލާ ނުރައްކާތެރި ދެތިން ހަމަލާ އުފައްދާފައެވެ. މިގޮތުން މެޗް ނިމެން ވަރަށް ގާތްވެފައިވަނިކޮށް ޖޮން ޑުރާން ފޮނުވާލި ހަމަލާއެއްވަނީ ސިޓީ ގޯލްގެ ހުރަސް ދަނޑުއަށް އަމާޒުވެފައެވެ.

މިކާމިޔާބީއާއެކު ސިޓީއިން މިހާރުވަނީ ކުޅުނު 22 މެޗުން 48 ޕޮއިންޓް ހޯދާ އެއްވަނައިގާ އުޅޭ އާސެނަލް އާއި ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި މިއަންނަ ބުދަދުވަހުގެ ރޭ ދަންވަރު އާސެނަލް އާއި އެކު ކުޅޭ މެޗް ކާމިޔާބުކޮށްފި ކަމަށްވާނަމަ ތާވަލްގެ އެއްވަނައަށް ވަގުތީ ގޮތުން އެރުމުގެ ފުރުސަތުވެސް ސިޓީއަށް ލިބިގެންދާނެއެވެ. މިނާކާމިޔާބީއާއެކު ވިލާ މިހާރު އުޅެނީ 28 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.