ކުޅިވަރު

އަރުތަ ޕްރޮގްރާމުގެ ފުރަތަމަ ޕެރަ އެތުލީޓަކަށް އަބްދުލް ރައްޒާގް


ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލުގެ އައު ޖީލު ބިނާކުރުމަށް ސަރުކާރުން ފެށި "އަރުތަ" ޕްރޮގްރާމުގެ ލިސްޓުގައި ޕެރަ އެތުލީޓް އަބްދުލް ރައްޒާގް ހިމަނައިފިއެވެ.

އަރުތަ ޕްރޮގްރާމަކީ އެކި ކުޅިވަރުތަކުގެ ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުއްމީދީ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.

މި ޕްރޮގުރާމުގައި ހިމެނުނު އަބްދުލް ރައްޒާގަކީ އަރުތަ ޕްރޮގްރާމުގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ޕެރަ އެތުލީޓެވެ. ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަރުތަ ޕްރޮގްރާމުގެ ފުރަތަމަ ޕެރަ އެތުލީޓް އަބްދުލް ރައްޒާގަށް މަރުހަބާ ކިޔާ ކަމަށާއި، މި ޕްރޮގްރާމުގެ ދަށުން ޚާއްސަ ކޯޗެއްގެ އެހީގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ތަމްރީނު ހަދައި އަދި މުބާރާތްތަކުން އަބްދުލް ރައްޒާގަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަންވަނައެއް ހޯދުން ކަމަށްވެސް ވިދާޅުވިއެވެ.

އަރުތަ ޕްރޮގްރާމުގެ ލިސްޓުގައި ޕެރަ އެތުލީޓް އަބްދުލް ރައްޒާގް ހިމެނިއިރު، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގެ ޕެރެ ކެޓަގަރީގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ލޯފަން ދުވުންތެރިޔާ މުހައްމަދު މާޒިން ވަނީ ލޯ މެޑެލް ހޯދާފައެވެ.

އަރުތަ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރަނީ ޕްރޮފެޝަނަލް އެތުލީޓުންތަކެއް އުފެއްދުމެވެ. އެކަމުގެ މަސައްކަތުގެ ތެރެއިން އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަޚުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި އަރުތަ ޕްރޮގްރާމުގެ ދަށުން ހުރިހާ ގައުމީ ޓީމުތަކުގެ އެތުލީޓުންނަށް ޚާއްސަ ކުރެވިގެން ގާއިމުކުރެވޭ "ސެންޓަރ ފޯރ ފިޓްނަސް އެންޑް ރިހެބިލިޓޭޝަން" ގެ މަސައްކަތް ވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ.