ރާއްޖޭގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ވިކްޓަރީ ސްޕޯޓްސް ކުލަބުން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޢަނީ (އަކޫ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމެއިރުގެ ސޮއި ހޯދުމުގެ އިތުރުން ކޯޗުގެ މަގާމަށް ސޮބާހް މުޙައްމަދު (ސޮބާ) ހަމަޖައްސައިފިއެވެ.
ކުރިއަށް އޮތް ސީޒަނުގެ ދެވަނަ ޑިވިޝަނާއި އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތަށް ބޮޑެތި އަމާޒުތަކެއް ކަނޑައަޅައިގެން މަސައްކަތް ފެށި ވިކްޓަރީން މިއަހަރަށް ވަނީ ބޮޑެތި ޓާގެޓުތަކެއް ކަނޑައަޅާފައެވެ. އެ މަސައްކަތުގެ ދަށުން ތަޖުރިބާކާރު ދެ ކުޅުންތެރިންނާ ކޯޗު ޓީމާ ގުޅުނީ އެ މަސައްކަތުގެ ދަށުންނެވެ.
ފުރަތަމަ ޑިވިޝަނުގައި ކާމިޔާބު ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އުމެއިރު އާއި އަކޫ ދެވަނަ ޑިވިޝަނަށް ބަދަލުވިއިރު، މި ދެ ކުޅުންތެރިންނަކީ ވެސް ވިކްޓްރީގެ ރަތް ޖާރޒީގައި ކުޅެފައިވާ ކުޅުންތެރިންނެވެ. އަދި ކުލަބުގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނެވެ. މީގެއިތުރުން ކޯޗަކަށް ހަމަޖެއްސި ސޮބާ ވެސް ވަނީ ވިކްޓްރީގެ އެންމެ ކާމިިޔާބު ދުވަސްވަރު ޓީމުގައި ކުޅެ ކާމިޔާބީތަކެއް ހޯދާފައެވެ.
މިދިޔަ އަހަރު ސަސްޕެންޝަނުން ސަލާމަތްވެ ދެވަނަ ޑިވިޝަނުގައި ވިކްޓްރީން އަނެއްކާވެސް ފުޓުބޯޅައިގެ ތެރެއަށް ނިކުތްއިރު، ފުރަތަމަ އަހަރު ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. ނަމަވެސް މިއަހަރު ދުރާލާ އެ ކުލަބުން މަސައްކަތް ފެށީ ވަރުގަދަ ޓީމަކާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދުމުގެ އަޒުމުގައެވެ.
ވިކްޓްރީއާއި ގުޅުމަށްފަހު ވާހަކަދައްކަމުން ޓީމުގެ ކޯޗު ސޮބާހް މުހައްމަދު ބުނީ ވިކްޓްރީއާ ގުޅުމަކީ އަބަދުވެސް ކުރަމުން އައި ބޮޑު އުއްމީދެއް ކަމަށާއި ދުރާލާ ތައްޔާރުވާނެ ވަގުތު އޮއްވާ ރަނގަޅު ކުޅުންތެރިންތަކަކާއެކު ޓީމު އޮތުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އަކްރަމް އަދި އުމެއިރު ބުނީ ފުރަތަމަ ޑިވިޝަން ދޫކޮށް ދެވަނަ ޑިވިޝަނަށް ބަދަލުވީ ބޮޑެތި އުއްމީދުތަކާއެކު ކަމަށާއި ވިކްޓްރީއަކީ ދިގު މާޒީއެއް އޮތް ކުލަބެއް ކަމަށާއި ކެރިއަރުގައި ވެސް ދެ ކުޅުންތެރިންނަށް ވިކްޓްރީއަކީ ބޮޑު ހިއްސާއެއް ކަމަށެވެ.
މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް އެ ޓީމަށް ކުރިޔަށްއޮތް ތަނުގައި ވެސް އިތުރު ގިނަ ކުޅުންތެރިންތަކެއް ސޮއިކުރާނެ ކަމަށް ވިކްޓަރީން މައުލޫމާތުދެއެވެ. މީގެތެރޭގައި ފެންވަރު ރަނގަޅު ހަތަރު ބިދޭސީ ކުޅުންތެރިން ހިމެނޭ ކަމަށްވެސް އެ ކުލަބުން މައުލޫމާތުދެއެވެ.