ދުނިޔޭގެ ވިޔަފާރި

ސިންގަޕޫރުގެ އެކްސްޕޯޓާއި އިމްޕޯޓު އިތުރުވެ ވިޔަފާރިތައް ރަނގަޅު ޙާލަތެއްގައި


ސިންގަޕޫރުގެ ވިޔަފާރި މިދިޔަ އަހަރު %17.7 އަށް ކުރިއަރާފައިވާ ކަމަށް އެންޓަރޕްރައިސް ސިންގަޕޫރުން ހާމަކޮށްފިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %19.7 ގެ ކުރިއެރުމެކެވެ.

އެޤައުމުން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އެޤައުމުގެ ޖުމްލަ ވިޔަފާރި މިދިޔަ އަހަރު 1.4 ޓްރިލިއަން ސިންގަޕޫރު ޑޮލަރަށް އަރައެވެ. އަދި މިދިޔަ އަހަރު އެ ޢަދަދު 1.2 ޓްރިލިއަން ސިންގަޕޫރު ޑޮލަރު އަދި 2020 ވަނަ އަހަރު 969 ބިލިއަން ސިންގަޕޫރު ޑޮލަރަށް އަރާފައިވެއެވެ.

އެންޓަރޕްރައިސް ސިންގަޕޫރުން ޖުމްލަ މުދަލުގެ ވިޔަފާރި އިތުރުވުން ނިސްބަތްކޮށްފައިވަނީ ތެލާއި، ތެޔޮ ނޫން ވިޔަފާރިވެސް ހިމަނައިގެންނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ތެލުގެ އަގު އުފުލުނު ދަނޑިވަޅުގައި ތެލުގެ ވިޔަފާރި ވަނީ ސިންގަޕޫރުގައި %47.5 އަށް އިތުރުވެފައެވެ. އޭގެ ކުރީ އަހަރު ތެލުގެ ވިޔަފާރި ވަނީ %43.6 އަށް އިތުރުވެފައެވެ.

ތެޔޮ ނޫން ވިޔަފާރި ވެސް މިދިޔަ އަހަރު ވަނީ %11.9 އަށް އިތުރުވެފައެވެ. އޭގެ ކުރީ އަހަރު މި ވިޔަފާރި ވަނީ %15.9 އަށް އިތުރުވެފައެވެ.

ޖުމްލަ ވިޔަފާރި މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ދަށްވެފައި ވަނީ %1 އަށް ނަމަވެސް މި މުއްދަތުގައި ތެލުގެ ވިޔަފާރި ވަނީ %14.1 އަށް ކުރިއަރާފައެވެ. އަދި ތެޔޮ ނޫން ވިޔަފާރި ވަނީ %4.2 އަށް ކުރިއަރާފައެވެ.

ސިންގަޕޫރުން މިދިޔަ އަހަރު އެކްސްޕޯޓު ކުރި މިންވަރު %15.6 އަށް އިތުރުވެފައިވާއިރު، އެ ގައުމުން އިމްޕޯޓު ކުރި މިންވަރު ވަނީ %20.1 އަށް އިތުރުވެފައެވެ. މިދިޔަ އަހަރު ތެޔޮ ނޫން ތަކެތި އެކްސްޕޯޓު ކުރި މިންވަރު %9.6 އަށް އިތުރުވެފައިވާއިރު، އޭގެ ކުރީ އަހަރު ވަނީ %16.5 އަށް އިތުރުވެފައެވެ.

ތެޔޮ ނޫން ތަކެތީގެ އެކްސްޕޯޓު މިދިޔަ އަހަރު މައްޗަށް ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި އިލެކްޓްރޯނިކް ނޫން އެކްސްޕޯޓްތަކުގެ ސަބަބުންނެވެ.

އިލެކްޓްރޯނިކް އުފެއްދުންތަކަށް އޮތް ޑިމާންޑް މިދިޔަ އަހަރު %0.5 އަށް ދަށްވެފައިވާއިރު، 2021 ވަނަ އަހަރު މިއަދަދު ހުރީ %16.3 ގައެވެ. އިލެކްޓްރޯނިކް ނޫން އުފެއްދުންތަކަށް އޮތް ޑިމާންޑް މިދިޔަ އަހަރު %3.8 އަށް އިތުރުވެފައިވާއިރު، 2021 ވަނަ އަހަރު %10.9 އަށް އިތުރުވިއެވެ.

ޗައިނާ، ހޮންކޮންގް އަދި ތައިލެންޑް ފިޔަވައި ސިންގަޕޫރުގެ އެންމެ މަތީ މާކެޓްތަކަށް ތެޔޮ ނޫން ތަކެތި އެކްސްޕޯޓުކުރި މިންވަރު މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. މި ތަކެތި އެންމެ ގިނައިން އެކްސްޕޯޓުކޮށްފައި ވަނީ އެމެރިކާ، ޔޫރަޕް އިއްތިހާދުގެ ގައުމުތަކާއި މެލޭޝިއާއަށެވެ.