ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އަތޮޅު ސެމީ ފައިނަލަށް އދ. މާމިގިިއްޔާއި ތ. އޮމަދޫ ދަތުރުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ކުޅުނު އދ. އަތޮޅު ގްރޫޕް ދޭއްގެ މެޗުން ދަގެނތި އަތުން މާމިގިލި މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އދ. އަތޮޅުގެ ގްރޫޕް އެކެއްގައި އޮމަދޫ އަތުން ފެންފުށި ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެ ފުރަތަމަ މޮޅު ހޯދައިފައެވެ.
އދ. އަތޮޅު ގްރޫޕް ދޭއްގައި ތިން ޓީމު އޮތްއިރު ދަނގެތި ވަނީ ފުރަތަމަ މެޗުގައި ހަންޏާމީދޫއާ އެއްވަރުވެފައެވެ. އެހެންކަމުން އެ ގްރޫޕްގެ ދެވަނަ މެޗުން މާމިގިލި މޮޅުވުމާއެކު އެ ޓީމަށް ތިން ޕޮއިންޓް ލިބުމުން އަތޮޅު ސެމީ ވަނީ ޔަގީންވެފައެވެ.
މި މުބާރާތުގެ ތ. އަތޮޅު ގްރޫޕް އެކެއްގެ މެޗުން އޮމަދޫ ވަނީ 3-1 ގެ ނަތީޖާއަކުން ގާދިއްފުށި އަތުން މޮޅުވެފައެވެ. އެ ގްރޫޕްގެ ކުޅުނު އަނެއް މެޗުން ހިރިލަންދޫ އަތުން ވޭމަންޑޫ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ތ. އަތޮޅުގެ ގްރޫޕް އެކެއްގައި އޮމަދޫ ވަނީ ކުޅުނު ދެ މެޗުން ހިރިލަންދޫ އާއި ގާދިއްފުށި ބަލިކޮށް، ހަ ޕޮއިންޓް ހަަމަކޮށްފައެވެ. ދެވަނައިގައި އޮތް ވޭމަންޑޫއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި ގާދިއްފުށި އޮތީ ޕޮއިންޓެއް ހޯދައިގެންނެވެ. ފުލުގައި އޮތް ހިރިލަންދޫ އަށް ދެ މެޗު ކުޅުނުއިރު، ޕޮއިންޓެއް ނުލިބެއެވެ.
މީގެ އިތުރުން މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ލ. ގަމާއި ގދ. ހޯޑެއްދޫން މުބާރާތުގައި ދެވަނަ މޮޅު ހޯދާފައެވެ.
ފަސް ޓީމު ބައިވެރިވެފައިވާތީ، ލ. އަތޮޅާއި ގދ. އަތޮޅުގައި ކުރިއަށްދަނީ ލީގު އުސޫލުން ބުރެކެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ. ލ. އަތޮޅުން ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގަމުން ވަނީ ކަލައިދޫ އަތުން 6-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ލ. މާބައިދޫ އަތުން އިސްދޫ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ގދ. އަތޮޅުގައި ހޯޑެއްދޫން ވަނީ މަޑަވެލި އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ތިނަދޫ އަތުން ގައްދޫ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ލ. އަތޮޅުގެ ތާވަލަށް ބަލާއިރު ގަން އެއްވަަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އިސްދޫއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް މާބައިދޫއަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ކަލައިދޫ އާއި މާމެންދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ގދ. އަތޮޅުން ހޯޑެއްދޫ ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައެވެ. ވާދޫ އާއި ގައްދޫއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މަޑަވެއްޔާއި ތިނަދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަންގާރަ ދުވަހުގެރޭވެސް އަށް މެޗެއް ކުޅެވޭނެއެވެ. އެގޮތުން އަންގާރަ ދުވަހުގެރޭ ކުޅެވިގެންދާނީ އއ، ބ އަދި ގއ. އަތޮޅުގެ މެޗުތަކެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.