އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 36 ވަނަ މިނެތްގައި ޖަހާ ލިވަޕޫލަށް ލީޑު ނަގާދިނީ ތަޖްރިބާކާރު ފޯވާޑް މުހައްމަދު ސަލާހެވެ.
މި ލަނޑު ޖެހުމުގެ ކުރިން އެވަޓަންއިން ދިޔައީ ލިވަޕޫލަށް ފުރުސަތެއް ނުދީ ހިފަހައްޓަމުންނެވެ. އަދި ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެނުއަރީ ޓްރާންސްފަރ ޕީރިއަޑްގައި އެޓީމާ އަލަށް ގުޅުނު ނެދަލަންޑްސްގެ ޒުވާން ފޯވަޑް ކޯޑީ ގަކްޕޯއެވެ. މިއީ އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި މެޗުގައި އެވަޓަންއިންވެސް ދޭތެރެ ދޭތެރެއިން ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށްފައިވެއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ފަހަކަށް އައިސް ލިވަޕޫލުން ދައްކަމުންދާ ކުޅުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ޔަރގަން ކްލޮޕް ހާމަކުރިގޮތުގައި މިމެޗްގައި ލިވަޕޫލްގެ އަސްލު ކުޅުން އަނެއްކާވެސް ފެނިގެންދިޔަ ކަމަށެވެ. މިމެޗްގައި އެފެނުނީ ހަގީގީ ލިވަޕޫލްކަމަށް އޭނާ ފާހަގަ ކުރިއެވެ.
މި ކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 21 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެވަޓަން އުޅެނީ 18 ޕޮއިންޓާއެކު 18 ވަނައިގައެވެ.