ޚަބަރު

ތުރުކީއާއި ސޫރިޔާއަށް އެހީވުމަށް ހުޅުވާލި ފަންޑަށް މިހާތަނަށް 2.6 މިލިއަން ރުފިޔާއަށް


ތުރުކީވިލާތަށާއި ސޫރިޔާއަށް މިމަހުގެ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް މިހާތަނަށް 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ރެކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުމުގައި އައި ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ރެކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ. ތުރުކީވިލާތަށާއި ސޫރިޔާއަށް އައި މިބިންހެލުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 33000 އިން މައްޗަށް އަރާފައެވެ. އަދި އެތައްބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.

މިބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީން ވަނީ 200 މިލިޔަން ސްވިސް ފްރެންކްސް އިމަރޖެންސީ އެހީގެ އިލްތިމާސެއްކޮށްފައެވެ.

މިއިލްތިމާސްއާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓުން ތުރުކީވިލާތަށާއި ސޫރިޔާގައި ހާލުގައި ޖެހިފައިތިބީ މީހުންނަށް އެހީވުމަށް ފައިސާ ޖަމާކުރާނެ ފަންޑެއް ވަނީ ހުޅުވާފައެވެ. މިފަންޑަށް މިހާތަނަށް 2،659،507.45 ރުފިޔާ ލިބިފައިވާކަމަށް ދިިވެހި ރެޑްކްރެސެންޓުން ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މިހާރު ދަނީ ތުރުކީވިލާތާއި ސޫރިޔާއަށް އެހީ ފޮނުވަމުންނެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަލާމަތީ މަސައްކަތްތަކުގައި އެހީތެރިވުމަށް ޓީމުތައް ފޮނުވާފައިވެއެވެ. އަދި އިންޓަރނޭޝަނަލް އެއިޑްސް ކޭމްޕްއިން ވަނީ ތުރުކީއާއި ސޫރިޔާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ހުޅުވާލާފައެވެ. އަދި އެ ކޭމްޕްގެ މީހުން މިހާރު އަންނަނީ ތުރުކީގައި ހަރަކާތްތެރިވެ ސިއްހީ ގޮތުންވެސް އެހީތައް ފޯރުކޮށްދެމުންނެވެ.

ދިވެހި ސަރުކާރުންވެސް ވަނީ އެ ދެޤައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި އެއް މިލިޔަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމަވާފައެވެ. މަސްދަޅުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ސޫރިއާއަށް 5 ލައްކަ އަދި ތުރުކީއަށް 5 ލައްކަ މަސްދަޅު ކޭހެވެ. އަދި މި މަސްދަޅުތައް އެ ޤައުމުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.