އެއަރބަސް އިން 250 ޖެޓް ގަތުމަށް އެއަރ އިންޑިއާ އިން ނިންމާފައިވާ ކަމަށް އެއެއަރލައިންގެ މިހާރު ވެރިފަރާތް، ޓާޓާ ގްރޫޕްގެ ޗެއާރމަން އެސް ޗަންދްރާސޭކަރަން ވިދާޅުވެއްޖެއެވެ.
ޖެޓްތައް ގަތުމަށް ދެ ފަރާތުން މިހާރު އެއްބަސްވެފައިވާއިރު، ޖުމްލަ 470 ޖެޓު އެއަރ އިންޑިއާ އިން ގަންނާނެއެވެ. މީގެތެރޭގައި ބޮއިން ޖެޓްގެ 220 ޖެޓްވެސް ހިމެނެއެވެ. މީގެ އިތުރުން ކުއްޔަށް ދިނުމުގެ ބޭނުމުގައި އިތުރު 25 ޖެޓްވެސް އެއަރބަސް އިން ގަންނަން އެއަރ އިންޑިއާއިން ވަނީ ނިންމާފައެވެ. މިއީ މިހާތަނަށް އެއް އެއަރލައިނަކުން ކުރި އެންމެ ބޮޑު އޯޑަރެވެ.
އެއަރބަސްގެ އޯޑަރުގައި ހިމެނެނީ އޭ 320 މަރުކާގެ 210 ނިއޯ ނެރޯބޮޑީ ބޯޓާއި، އޭ 350 މަރުކާގެ 40 ވައިޑްބޮޑީ މަތިންދާބޯޓެވެ. މި ބޯޓުތައް އެއަރ އިންޑިއާ އިން ބޭނުންކުރާނީ ދިގު ދަތުރުތައް ކުރުމަށް ކަމަށް ޗަންދްރާސޭކަރަން ވިދާޅުވިއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޗައިނާގެ އުތުރުގެ ޕްލާންޓަކާއި އެއްވަރަށް އިންޑިއާގައިވެސް ޕްލާންޓެއް ހަދަން އެއާރބަސްއަށް އިންޑިއާއިން ވަނީ ބާރުއަޅާފައެވެ. ނަމަވެސް އިގްތިސާދީ އަދި ސިނާއީ ގޮތުން ބެލުމަށްފަހު އެއަރބަސްއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.
ޗެއަރމަން ޗަންދްރާސޭކަރަން ވިދާޅުވީ އެއަރބަސް އާއި ޓާޓާ އިން މަސައްކަތް ކުރަމުންދަނީ ބޮޑެތި ޕާޓްނަޝިޕްތަކަކަށް ކަމަށާއި އޭގެ ތެރޭގައި މުސްތަގުބަލުގައި ކޮންމެވެސް ހިސާބަކުން ބޯޓު އުފެއްދުންވެސް ހިމެނޭ ކަމަށެވެ.