ޚަބަރު

އިންޓެލިޖެންސް ރިޕޯޓްތައް އިދާރަތަކާއި ދަނީ ހިއްސާ ކުރަމުން: ޢިމްރާން


ރާއްޖޭގައި ހިންގާ އެކި ކުށްތަކާއި ގުޅިގެން އެކުލަވާލާ އިންޓެލިނެޖްސް ރިޕޯޓްތައް، ކަމާއިގުޅުންހުރި އިދާރާތަކާއި ހިއްސާ ކުރަމުންދާކަމުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރަހީް ރަޝީދު ވަނީ 2021 ވަނަ އަހަރު މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން 241 ކޮމެޓީން ބެލި ކަންކަމުގެ ތެރޭގައި މިފަދަ ކަންކަމުގެ އިންޓެލިޖެންސް ރިޕޯޓްތައް ހިއްސާ ނުކުރާކަން ހާމަވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު މިމައްސަލައާއި، މިފަދަ އެހެން މައްސަލަތަކުގައި ރިޕޯޓްތައް ހިއްސާ ކުރަމުންދޭތޯ ވަޒީރާއި ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، މެއި 6ގެ ހަމަލާއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ދެއްވި ލަފައާއި އެއްގޮތަށް އިންޓެލިޖެންސް ހިއްސާ ކުރުމުގެ ކަންކަން ޓެރެރިޒަމް ޤާނޫނުގެ ދަށުން، ފޮނުވަންޖެހޭ ރިޕޯޓްތައް ކަމާއި ގުޅުންހުރި އިދާރާތަކަށް ފޮނުވަމުންދާކަމަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހަށްވެސް މި ރިޕޯޓްތައް ހިއްސާ ކުރައްވަމުންދާކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

"އިންޓެލިޖެންސް ހިއްސާ ކުރުމުގެ ކަންކަން ޓެރެރިޒަމް ޤާނޫނުގެ ދަށުން އަދި ޓޫފޯވަން ކޮމެޓީގެ ރެކޮމަންޑޭޝަނާއި އެއްގޮތަށް، މިއަދު އިންޓެލިޖެންސް ޝެއާކުރާނެ ޕްލެޓްފޯމް ގާއިމް ކުރެވި، ފޮނުވަންޖެހޭ ރިޕޯޓްތައް ރައީސުލްޖުމްހޫރިއްޔާ އަށާއި، ރައްޔިތުންގެ މަޖިލީހަށް ދަނީ ފޮނުވަންޖެހޭ ޓައިމްތައް ފޮނުވަމުން. އެންމެ ފަހުގެ ރިޕޯޓްވެސް ވަނީ ފޮނުވިފަ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މެއި 6ގެ ހަމަލާގެ ތަފްސީލް ހިއްސާ ކުރައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ހަމަލާއާއި ގުޅިގެން ހިންގަންޖެހޭ ތަހުގީގް ހިންގައި އޭގެ އިޖުރާއަތުތައް ފުރިހަމަ ކުރެވި އަދި ޕްރޮސެކިއުޓްވެސް ކުރެވި 10 މީހަކު ބަންދު ކުރެވިފައިވާކަމަށެވެ. އޭގެ ތެރެއިން އެކަކު އިއުތިރާފްވެ، އޭނާގެ މައްޗަށް ވަނީ ހުކުމް ސާބިތު ކުރެވިފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް މިމައްސަލައިގެ ޝަރީއަތް ހިނގަމުންދާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.