ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ގއ. މާމެންދޫ އާއި ނިލަންދޫ އަތޮޅު ސެމީއަށް


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ގއ. އަތޮޅުގެ ސެމީ ފައިނަލަށް މާމެންދޫ އާއި ނިލަންދޫ ދަތުރުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗަކީ ގއ. އަތޮޅުގެ ދެ ގްރޫޕްގެ މެޗުތަކެވެ. މި މެޗުތަކަށް ނުކުތް އިރުވެސް ގއ. އަތޮޅު ސެމީން އެ އަތޮޅުގެ ދެއްވަދޫ އާއި ކަނޑުހުޅުދޫ ވަނީ ޖާގަ ހޯދައިފައެވެ. ދެއްވަދޫން ގްރޫޕް އެކެއްގެ އެއްވަނަ ޔަގީންކުރިއިރު، މާމެންދުއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ހޯދި ޕޮއިންޓާއެކު ގްރޫޕް އެކެއްގެ ދެވަނަ ޓީމުގެ ގޮތުގައި މާމެންދޫ އަތޮޅު ސެމީއަށް ދަތުރުކޮށްފައިވަނީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. ދެއްވަދޫ ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓާ އެކުގައެވެ. އެ އަތޮޅުގެ ގްރޫޕް އެކެއްގެ ތިންވަނައިގައި ނިންމާލި ގެމަނަފުށި ކުޅުނު މެޗުގައި ވިލިނގިލި ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

ގއ. އަތޮޅުގެ ގްރޫޕް ދޭކުން ނިލަންދޫ ސެމީގެ ޖާގައެއް ޔަގީންކުރީ 2-1 ގެ ނަތީޖާއަކުން ކޮނޑޭ ބަލިކޮށްގެންނެވެ. ނިލަންދޫން ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން ގއ. އަތޮޅު ގްރޫޕް ދޭއްގެ ދެވަނަ ހޯދިއިރު، ފުރިހަމަ ރެކޯޑަކާއެކު ގްރޫޕްގެ އެއްވަނަ ހޯދީ ކަނޑުހުޅުދޫއެވެ. ކަނޑުހުޅުދޫން ވަނީ 4-2 ގެ ނަތީޖާއަކުން ދާންދޫ ބަލިކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ރޭ ބ. އަތޮޅުގެ ކުޅުން ފެށިއިރު، އއ. މަތިވެރިން ވަނީ ދެވަނަ މޮޅު ހޯދާފައެވެ. ބ. އަތޮޅުން މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރަމުންދާތީ، އެ އަތޮޅުގެ އަތޮޅު ބުރު ކުޅެމުން އަންނަނީ ލީގު އުސޫލުންނެވެ. ލީގު ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓާއި ފެހެންދޫ ބައްދަލުކުރި މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. އަދި އެ އަތޮޅު ތުޅާދޫން ވަނީ 9-4 ގެ ނަތީޖާއަކުން ކެންދޫ ބަލިކޮށްފައެވެ.

އއ. ތޮއްޑޫ އާއި ބޮޑުފޮޅުދޫގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި މަތިވެރިން ވަނީ ކުޅުނު ފެރިދޫ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭވެސް އަށް މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ ކުޅެވިގެންދާނީ ރ، l އަދި ހދ. އަތޮޅުގެ މެޗުތަކެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.