ފުލުހުން ތަހުގީގް ކުރަމުންދާ އެއްވެސް މައްސަލައެއްގައި އެއިދާރާގެ ބެލުމުގެ ދަށަށް ގެންދާ ފޮރެންސިކް ހެކީގެ މައުލޫމާތު ލީކު ނުވާނެކަމުގެ ޔަގީންކަން ފުލުހުން ދެއްވައިފިއެވެ.
ފުލުހުން މި ޔަޤީންކަން ދެއްވާފައިމިވަނީ، އާންމު ފަރާތަކުން އޭނާގެ ޒާތީ ފޮޓޯތަކެއް ފުލުހުން ލީކު ކޮށްލާފައިވާކަމަށް ތުހުމަތުކުރުމާއި ގުޅިގެންނެވެ.
ފުލުހުން ވިދާޅުވީ އެއިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ހެކީގެ މައުލޫމާތުތަކަކީ ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން އަމަލުކުރާ އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރެވޭ ތަކެތިކަމަށެވެ. އެއްވެސް ހެއްކެއްގެ މައުލޫމާތު ލީކުވެ އެފަދަ ކަމެއް ނުހިނގާނެކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ވަނީ ދެއްވާފައެވެ.
ފުލުހުން ވިދާޅުވީ ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކުނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ. އަދި ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށް ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.