ރާއްޖޭގެ އެންމެ ކާމިިޔާބު ކުލަބުތަކުގެ ތެރޭގައި ހިމެނޭ ވިކްޓަރީ ސްޕޯޓްސް ކުލަބަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މި އަހަރު އިންޑިއާގެ ދެ ކުލަބަކާއެކު ރާއްޖޭގައި އިންވިޓޭޝަނަލް ކުލަބު ފުޓްބޯޅަ މުބާރާތެއް ބާއްވަން އެ ކުލަބުން ނިންމައިފިއެވެ.
ވިކްޓްރީން އަންނަ ސީޒަނަށް ތައްޔާރީތައް ފެށިއިރު، އެ ކުލަބުން ވަނީ ބޮޑެތި ޓާގެޓުތަކެއް ކަނޑައަޅާފައެވެ. އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުލަބުގެ ޓެކްނިކަލް ޑިރެކްޓަރު މުހައްމަދު އާދަމް ވިދާޅުވީ ވިކްޓަރީއަށް 50 އަހަރު ފުރުނީ ކޮވިޑް ތެރޭގައި ކަމަށާއި، އޭރު އެކަން ފާހަގަ ނުކުރެވުމުން އިންޑިއާގެ އެއް ޓީމު، ނޫނީ ދެޓީމާއި މާލޭގެ ހަތަރު ޓީމެއްގެ ލައިގެން މުބާރާތެއް ކުޅުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދެވަނަ ޑިވިޝަނާއި އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތަށް ބޮޑެތި އަމާޒުތަކެއް ކަނޑައަޅައިގެން މަސައްކަތް ފެށި ވިކްޓަރީން ވަނީ އެ ކުލަބަށް ވަރުގަދަ ކުޅުންތެރިންތަކެއް ގެންނާނެކަން ހާމަކޮށްފައެވެ. އަދި މި ބައިނަލްއަޤްވާމީ މުބާރާތަށް ދަނޑު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަން ނިމުމުން މުބާރާތް ބާއްވަން ނިންމާ ދުވަހެއް ފައިނަލްކޮށް އިއުލާނުކުރާނެ ކަމަށެވެ.
ވިކްޓަރީން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޢަނީ (އަކޫ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމެއިރުގެ ސޮއި ހޯދުމުގެ އިތުރުން ކޯޗުގެ މަގާމަށް ސޮބާހް މުޙައްމަދު (ސޮބާ) ވަނީ ހަމަޖައްސާފައެވެ
މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށްއޮތް ތަނުގައިވެސް އިތުރު ގިނަ ކުޅުންތެރިންތަކެއްއެ ޓީމަށް ސޮއިކުރާނެ ކަމަށް ވިކްޓަރީން މައުލޫމާތުދެއެވެ. މީގެތެރޭގައި ފެންވަރު ރަނގަޅު ހަތަރު ބިދޭސީ ކުޅުންތެރިން ހިމެނޭ ކަމަށްވެސް އެ ކުލަބުން މައުލޫމާތުދެއެވެ.