މި އަހަރު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ފިޓް ނުވެދާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) ބުނެފިއެވެ.
އަކޫގެ ކަކުލަށް އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ބުރޫނާއީ ދާރުއްސަލާމުގައި ލާއޯސްއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ ތެރެއިންނެވެ. އެ މެޗަށްފަހު ހެދި ޓެސްޓުތަކުން އަކޫގެ ކަކުލުގެ ލިގަމެންޓް އަދި މެނިސްކަސްއަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވަނީ ދައްކާފައެވެ. އެހެންކަމުން އަކޫ ވަނީ އޮކްޓޯބަރު މަހު ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.
ރާއްޖެގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބަށް ދާދި ފަހުން ސޮއިކުރި އަކޫ ބުނީ ސާފް ޗެމްޕިއަންޝިޕް ކުޅެވޭވަރަށް ފިޓް ނުވެދާނެ ކަމަށާއި، އެހެންކަމުން ޓީމަށް ނެގުން އޮންނާނީ އޭރަކު ހުންނަ ކޯޗެއްގެ އަތްމަތީގައި ކަމަށެވެ. އަދި ތައްޔާރު ނުވެވޭ ހާލަތެއްގައި ގޮސް ގައުމީ ޓީމަށް ކުޅެން ބޭނުން ނުވާ ކަމަށް ރާއްޖެއަށް ދެ ފަހަރު ސަރަހައްދީ މުބާރާތުން ރަން މެޑެލް ހޯދައިދިން އަކޫ ބުންޏެވެ.
ފުރަތަމަ ޑިވިޝަނުގައި ކާމިޔާބު ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އަކޫ ދެވަނަ ޑިވިޝަނަށް ބަދަލުވިއިރު، މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފެށޭނެ ކަމަށް ލަފާ ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ސާފް ޗެމްޕިއަންޝިޕަށް ފިޓް ނުވެދާނެ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކޫ ބުނިއިރު، މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އަވައްޓެރި އިންޑިއާގައެވެ.