ދުނިޔޭގެ ތެލަށް އޮތް ޑިމާންޑު ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވުރެ މިއަހަރު އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށް އޮގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީޒް، އޯޕެކުގެ ސެކްރެޓަރީ ޖެނެރަލް ހައިތަމް އަލް ޣައިސް ވިދާޅުވެއްޖެއެވެ.
މިސްރުގެ ޕެޓްރޯލިއަމް ޝޯގައި ވާހަކަފުޅު ދައްކަވަމުން ޣައިސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ތެލުގެ ޑިމާންޑު ދުވާލަކު 110 މިލިއަން ފީފާއަށް އިތުރުވާނެއެވެ. އަދި ތެލުގެ ބާޒާރުގެ ހަމަޖެހުމަށް އެހީތެރިވުމަށް އޯޕެކް ދެމިއޮތްކަމަށްވެސް ޣައިސް ވިދާޅުވިއެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ގުޅިގެން ހުޅަނގުން އެކްސްޕޯޓްގެ އަގު ކަނޑައެޅުމުގެ ސަބަބުން ރަޝިޔާއިން ތެޔޮ އުފެއްދުން މަދުކުރާނެކަން އިއުލާން ކުރުމުން، ހުކުރު ދުވަހު ތެލުގެ ކޮންޓްރެކްޓްތައް ރަނގަޅުވިއެވެ.
އަންނަ މާޗް މަހު ދުވާލަކު 5 ލައްކަ ފީފާގެ ތެޔޮ ނުވަތަ އުފެއްދުންތެރިކަމުގެ %5 ދަށްވާނެކަމަށް ރަޝިއާގެ ބޮޑުވަޒީރުގެ ނާއިބު އެލެގްޒެންޑަރ ނޮވާކް ވިދާޅުވުމުން ތެލުގެ ބައިނަލްއަގުވާމީ ބެންޗްމާކް، ބްރެންޓާއި ޑަބްލިއުޓީއައިގައު ތެލުގެ އަގު ވަނީ %2 އަށް އުފުލިފައެވެ.
މި ހަފްތާގެ ތެލުގެ އަގު އުފުލުމުގައި ޗައިނާގެ ތެލުގެ ޑިމާންޑް އިތުރުވުމުގެ އިތުރުން، ތުރުކީ، ނޯވޭ އަދި ކަޒަކިސްތާނުގައި ސަޕްލައި މެދުކެނޑިފައިވާ ދަނޑިވަޅެއްގައި އޭޝިއާގެ ގައުމުތަކަށް ބޮޑު އަގެއްގައި ތެޔޮ ވިއްކަން ސައުދީން ނިންމުމުންވެސް ހިމެނެއެވެ.
ރަޝިޔާއިން އުފައްދާ ޑީސަލް، ގޭސް އަދި ޖެޓް ފިއުލް ފަދަ އުފެއްދުންތައް އެތެރެކުރުން ޔޫރަޕް އިއްތިހާދުން މަނާކުރި ކުރުމަށް އަމަލުކުރަން ހުކުރު ދުވަހު ފަށާފައިވާއިރު، ދުނިޔޭގެ އެންމެ މުއްސަނދި 7 ގައުމު ހިމެނޭ ޖީ7 އިން ރަޝިއާގެ ތެލުގެ އުފެއްދުންތަކަށް ވަނީ އަގުވެސް ކަނޑައަޅާފައެވެ.
ރަޝިޔާއަކީ މިއަހަރުގެ ނިޔަލަށް ދުވާލަކު ދެ މިލިއަން ފީފާގެ ތެޔޮ އުފެއްދުން މަދުކުރުމަށް އޮކްޓޯބަރުމަހު އޯޕެކާއެކު އެއްބަސްވެފައިވާ 23 ގައުމުގެ ތެރެއިން އެއް ގައުމެވެ.