މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ %17 އިން %18އަށް ބޮޑުކުރުމަށް ޕާކިސްތާނުން އެ ގައުމުގެ ގަނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ޓެކްސް ބޮޑުކުރުމަށް ޕާކިސްތާނުން މި ބިލް ހުށަހެޅީ ޖުލައިމަހު ނިމޭ މާލީ އަހަރުގެ ނިޔަލަށް 639 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރު އާމްދަނީއެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.
މާލީ ވަޒީރު އިސްހާގު ދާރު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި ޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައި ވީނަމަވެސް، ހަނޑުލާއި ބިހާއި ކިރު އަދި މަސް ފަދަ އާންމުކޮށް ބޭނުންކުރާ ތަކެތިން ޖީއެސްޓީ ބޮޑުކުރުން ވަނީ އިސްތިސްނާކޮށްފައެވެ.
ލަގްޒަރީ ތަކެތިން ނަގާ ޓެކްސް %25 އަށް ބޮޑުކުރުމަށް މި ބިލުގައި ވަނީ ހުށަހަޅާފައެވެ. ފަސްޓް ކްލާސް އަދި ބިޒްނަސް ކްލާހުގެ ވައިގެ ދަތުރުތަކާއި ސިނގިރޭޓާއި ހަކުރު އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސް ބޮޑުކުރުމަށްވެސް ވަނީ ބިލްގައި ހުށައަޅާފައިވެއެވެ.
މީގެއިތުރުން، ކައިވެނީގެ ހަފްލާތައް ބާއްވާ ހޯލްތަކާއި އިވެންޓްތަކުން %10 އެޖެސްޓެބަލް ވިތުހޯލްޑިން ޓެކްސް ނެގުމަށްވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އަދި ސިމެންތިން ނަގާ ޑިއުޓީ ވެސް ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް ވަނީ ގެނެސްފައެވެ.
އެ ގައުމުގެ ބްރޯކަރއެއް ކަމަށްވާ އިސްމާއިލް އިގްބާލް ސެކިއުރިޓީޒްގެ ހެޑް އޮފް ރިސާޗް ފަހުދު ރައޫފް ވިދާޅުވި ގޮތުގައި މި ބިލުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ ފަންޑް ޕްރޮގްރާމް އަލުން ފެށުމަށް ޕާކިސްތާނަށް ގާތަށް ދެވޭނެއެވެ.
ރައޫފް ފާހަގަކުރެއްވި ގޮތުގައި ޕާކިސްތާނުން ހަމައެކަނި ނަގަނީ ނުސީދާ ޓެކްސްއެވެ. އަދި މިކަމުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކުން ބޮޑު ބުރައެއް އުފުލަން ޖެހެއެވެ. އަނެއްކޮޅުން ރީޓެއިލް، ރިއަލް އެސްޓޭޓް، އަދި ދަނޑުވެރިކަމުގެ ދާއިރާތަކުން އިންކަމް ޓެކްސް ނުނަގާކަމަށްވެސް ރައޫފް ފާހަގަކުރެއްވިއެވެ.
ރައޫފް އިތުރަށް ވިދާޅުވި ގޮތުގައި ޖީއެސްޓީ ބޮޑުކުރުމުން އިންފްލޭޝަން މަތިވާނެއެވެ. މޫޑީސް އެނަލިޓިކްސްގެ އިސް އިގްތިސާދީ މާހިރަކު ބުދަ ދުވަހު ރޮއިޓާސް ނޫހަށް ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ އިންފްލޭޝަން އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެވްރެޖްކޮށް %33 އަށް މަތިވާނެއެވެ.
ކްރިޓިކަލް ބެއިލައުޓް ފަންޑުތައް ދޫކުރުމަށް އައިއެމްއެފް އާއި ޕާކިސްތާނުން މަޝްވަރާކޮށްފައިވާއިރު، އެ ގައުމުގެ ބޭރުފައިސާގެ ރިޒާވް ގައި މިހާރު ހުރީ އެންމެ ތިން ހަފްތާއަށް ފުދޭވަރުގެ ފައިސާއެވެ. ޕާކިސްތާނުގެ އިންފްލޭޝަން %27 އަށް މަތިވެފައިވާއިރު، އާމްދަނީ އިތުރު ކުރުމަށް އެ ގައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.