ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި އަލިފުށި ބަލިކޮށް ރ. އަތޮޅުގެ ފައިނަލަށް އިނގުރައިދޫ ދަތުރުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު ރ. އަތޮޅުގެ މެޗުން އިނގުރައިދޫ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި މި އަތޮޅުގެ އަނެއް މެޗުގައި ދުވާފަރުން ވަނީ ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން އިންނަމާދޫ ބަލިކޮށްފައެވެ.
ފަސް ޓީމު ވާދަކުރާ ރ. އަތޮޅުގެ ލީގު ބުރުގެ އެއްވަނައިގައި އިނގުރައިދޫ އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ދުވާފަރު އޮތްއިރު، ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އަލިފުއްޓެވެ. އަދި އިންނަމާދޫއަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން މި މުބާރާތުގެ ހދ. އަތޮޅުގެ ގްރޫޕް އެކެއްގެ އެއްވަނަ ހޯދީ ނައިވާދޫންނެވެ. އެ ޓީމުން އެއްވަނަ ހޯދީ ރޭ ކުޅުނު މެޗުގައި ނޭކުރެންދޫ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗަށް ނުކުތްއިރު މި ދެ ޓީމަށްވެސް ސެމީ ފައިނަލުގެ ޖާގަތައް ޔަގީންވެފައިވީއިރު، ނައިވާދޫއަށް އެއްވަނަ ލިބުނީ ނުވަ ޕޮއިންޓާއެކުއެވެ. އަދި ނޭކުރެންދޫއަށް ލިބުނީ ހަ ޕޮއިންޓެވެ.
ހދ. އަތޮޅުގެ ގްރޫޕް ދޭއްގައި މަކުނުދޫ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެ ކުމުންދޫން އަތޮޅު ސެމީ ފައިނަލުގެ ޖާގައެއް ހޯދިއިރު، ވައިކަރަދޫ އަތުން ފިނޭ މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕުގެ އެއްވަނައިގައި އޮތް އޮތް ނެއްލައިދޫ އާއި ދެވަނަ ހޯދި ކުމުންދޫއަށްވެސް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.
ދެން މި މުބާރާތުގައި ރޭ ކުޅުނު ލ. އަތޮޅުގެ މެޗުތަކަށް ބަލާލާއިރު، މާބައިދޫ އަތުން މާމެންދޫ ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މިއީ މާމެންދޫން މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި ވާދަވެރި ކަލައިދޫ އަތުން އިސްދޫ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭވެސް އަށް މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ ކުޅެވިގެންދާނީ ށ، ތ، ގދ އަދި ގއ. އަތޮޅުގެ މެޗުތަކެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހެވެ.